
މަޖިލީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މި ގަރާރަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހެޅުމަށް އެދޭ ނަމަ ޖުލައި 8، ގެ ކުރިން ލާމަރުކަޒީ ކޮމިޓީއަށް މެއިލްގެ ޒަރިއްޔާއިން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލާ ރަށު އަދި ސިޓީތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިޔާލެކެވެ. ރައީސްގެ ނިންމެވުމާ އެއްގޮތަށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ މިހާރު އޮތީ ކޮމީޓީގަ އެވެ. ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ގަރާރަށް ސަރުކާރުގެ ހުރިހާ މެންބަރުންހެއް ތާއީދުކުރައްވާފައިވެ އެވެ.
އެ ގަރާރުގައި ކައުންސިލަރުންގެ އަދަދުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ހަރަދު ބޮޑުވެ، އިގްތިސޯދުކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާންކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ލާޒިމުކޮށްފައި އޮތް އޮތުން ރަނގަޅުތޯ ސުވާލުއުފައްދާފައިވެ އެވެ.
ފާއިތުވި 15 އަހަރުތެރޭ ލޯކަލް ކައުންސިލްގެ ހަތަރު އިންތިޚާބެއް ބާއްވައި، އެތައް ހާސް ކައުންސިލަރުންނެއް އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެ ނިޒާމަށް ހަރަދުކުރި ނަމަވެސް އެ ނިޒާމުގެ ސަބަބުން ރަށްތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތްކަން ވަނީ ގަރާރުގައި ފާހަގަކޮށްފަ އެވެ. ހާއްސަކޮށް އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށް ބުނެފައިވެ އެވެ.
އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީއިން ވަނީ އެ ގަރާރަށް ފާޑުކިޔާފަ އެވެ. އެ ޕާޓީއިން ތުހުމަތު ކުރާ ގޮތުގައި ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ އެހީއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށެވެ.