
މި މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތްވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އަދި އެ ހާދިސާގައި ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ، ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި އަލިފާން ރޯވި ހާދިސާއާއި ޓެރަރިޒަމް މައްސަލައެއްގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންނާއި ބައްދަލުކުރާނެކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހަވީރު 15:45 އިސްކަންދަރު ބިލްޑިންގައިކަމަށެވެ.
ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގާ އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމަކުން ގުޅުނުކަމަށް އޭރުގެ ސީޕީ އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަލިފާނުގެ ހާދިސާއަށްފަހު އެ ތިން އިމާރާތުގެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ދަރުބާރުގޭގައި ވަގުތީ ގޮތުން ހަދާފައިވާ އޮފީސްތަކެއްގައެވެ.
ހައުސިން މިނިސްޓްރީ ހުރިތަނުގައި ޒަމާނީ ފެންވަރުގެ މަލްޓިޕާޕަސް ކޮންޕްލެކްސް އެއް އެޅުމަށް ސަރުކާރުން ނިންމައިފިވާކަމަށް މިއަހަރުގެ ނޫސްވެރިންގެ ދުވަހު ނޫސްވަރިންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.