
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 9 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމަށް ރައީސް އޮފީހުން ބުނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި މުސްލިމަކު ކަމުގައިވުމާއި، ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އުމުރުން 25 އަހަރު ވެފައިވުން ހިމެނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމަކީވެސް ޝަރުތެކެވެ. އަދި މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ސިޔާސީ މަގާމެއް ފުރަމުންދާ ނުވަތަ ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރު، ކުށާއި ދަރަނީގެ ރިކޯޑު ފޯމު، އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ހުށަހަޅަންޖެހޭނެއެވެ. މި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި މި ފޯމުތައް ރައީސް އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.