
މި ބައްދަލުވުމަކީ ބޭންކުގެ 10 އަހަރުގެ ކާމިޔާބު ދަތުރު ފާހަގަކުރުމަށް ބޭއްވޭ ހާއްސަ ބައްދަލުވުމެކެވެ.
"ތަރައްގީއަށް ގުޅުވައިލުން، ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުން" މި ތީމްގައި ބޭއްވޭ މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ގަވާނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެ، "ދިހަ އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން" މި މައުލޫއާ ގުޅޭގޮތުން ރާއްޖޭގެ ވިސްނުން ހިއްސާކުރައްވާނެއެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި 3,500 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެވަޑައިގެން، މެންބަރު ގައުމުތަކުގެ އިސް ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަގްވާމީ މާހިރުން ހިމެނެއެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އޭ.އައި.އައި.ބީ ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައެވެ. މިހާރު މި ބޭންކުގައި 110 މެންބަރު ގައުމު ހިމެނެއެވެ. މި މެންބަރު ގައުމުތަކަކީ ދުނިޔޭގެ އާބާދީގެ 80 ޕަސަންޓަށް ވުރެ ގިނަ މީހުންނާއި، ދުނިޔޭގެ ޖުމްލަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓްގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މިންވަރު ހިއްސާކުރާ ގައުމުތަކެވެ.
ފާއިތުވި 10 އަހަރުގެ ތެރޭގައި އޭއައިއައިބީއިން ވަނީ 38 ގައުމެއްގައި 300 އަށް ވުރެ ގިނަ މަޝްރޫއުތަކަށް 60 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ބައްދަލުވުމުގައި ގްރީން އަދި ދެމެހެއްޓެނިވި ފައިނޭންސިން، ބޯޑަރު ހުރަސްކޮށް ގުޅުވައިލުން އަދި ސަރަހައްދީ ގުޅުން، އަމިއްލަ ފަރާތްތަކުގެ ފައިސާގެ ބޭނުން ހިފުން އަދި ޑިޖިޓަލް ބަދަލުވުން އަދި ސްމާޓް އިންފްރާސްޓްރަކްޗަރ ފަދަ މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. ރާއްޖޭގެ ފިނޭންސް މިނިސްޓަރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ ގައުމުގެ ތަރައްގީއަށް އާ ފުރުސަތުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.