
މައުރޫފް މިކަން ފާހަގަކުރެއްވީ ވީޓީވީގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި 18 އަދި 19 ވަނަ މަޖިލީހާ ހިލާފަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހެނދުނު ސައިގަޑިއަށް ނިންމާލަމުން ގެންދާތީ، މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ގިނަ ދުވަސްވަމުންދާ ކަމަށް ބުންޏެވެ.
މަޖިލީހުގެ ރިޔާސަތުން ޖަލްސާތައް އަވަހަށް ނިންމާލަނީ ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމިޓީތަކުގައި ހުރުމުން ކަމަށް ބުނާއިރު، މައުރޫފް ވިދާޅުވި ގޮތުގައި މިވަގުތު ކޮމިޓީތަކުން ކުރަންޖެހޭ މާ ބޮޑު މަސައްކަތެއް ނެތެވެ. އަދި މައުރޫފް ފާހަގަކުރެއްވި ގޮތުގައި މިދިޔަ މަހު ހުށަހެޅި އިސްލާހުތަކެއް ފާސްކުރުމަށްފަހު ޖެހިގެން އަންނަ މަހު އަނެއްކާވެސް އިސްލާހުތައް އެހެންގޮތަކަށް ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަމުންދާ ކަމަށް ބުންޏެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުންކަމަށްވާއިރު އެ މަންޒަރު ފެނިގެންދަނީ ހަމައެކަނި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުން އިސްލާހުކުރަން ހުރި ގިނަ ގާނޫނުތަކަށް އަދި ހަދަން ޖެހޭ ގިނަ ގާނޫނުތަކަށް ވެސް ޑްރާފްޓްކުރުމުގެ މަރުހަލާގައި ލަސްތަކެއް އުޅޭކަމަށް ގަބޫލުކުރެވޭ ކަމަށާއި، ގަބޫލުކުރެވޭ ހަގީގަތަކީ މަޖިލީހުގެ ޖަލްސާތަކުގައި ކުރާނެ މަސައްކަތް ނެތިގެން ޖަލްސާ ނިންމާލަން ޖެހުން ކަމަށެވެ. އިއްޔެ މަޖިލީހުގެ ޖަލްސާ އަވަހަށް ނިންމާލުމުން އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. މިކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތައް ކުރަނީ މަޖިލީހުގެ ކޮމިޓީތަކުންކަމަށްވާތީ ޖަލްސާ އަވަހަށް ނިންމާލަނީ އެ މަސައްކަތްތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.