
މި ލޯނުތައް ދޫކޮށްފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށާއި، މިހާތަނަށް ޖުމްލަ 38 މަސްވެރިން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ބީއެމްއެލްއިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއެކު ލޯނަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ 300,000 ރުފިޔާއާ ހަމައަށް ޕަސަނަލް ފައިނޭންސިން ލިބެއެވެ. މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލްއާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަގްސަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީ ވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ. ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މަސްވެރިންގެ ގައުމީ ދަފްތަރުގައި މިހާތަނަށް 305 އުޅަނދެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.