
ކާނިވާ ސަރަހައްދުގައި ހުރި ލެމަންގްރާސް ގެ ސިޓްރަން ރެސްޓޯރަންޓަށް އުދަ އަރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑެތި ރާޅުތައް އެކެފޭގެ ތެރެއަށް ވަދެގެން އަންނަތަން ފެނެއެވެ. އަދި ސިޓްރަންގެ އިތުރު އެ ސަރަހައްދުގައި ހުރި ގިނަ ކެފޭތަކަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.
އުދައެރުމުގެ ސަބަބުން ބައެއް ކެފޭތަކުގައި ހިދުމަތް ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މިއަދު އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 2:29 ހާއިރު ކަމަށެވެ. އެ ވަގުތުގައި 2.9 ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވެއެވެ. އަދި މެދު ރާއްޖެ ތެރޭގެ ރަށްރަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 3:12 ހާއިރު ކަމަށާއި އެ ވަގުތުގައި 2.7 ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ދެކުނުގެ ރަށްރަށަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު 3:58 ހާއިރެވެ. އެ ވަގުތުގައި ތިން ފޫޓަށް ދިޔަވަރު ބޮޑުވުން އެކަށީގެންވެ އެވެ.