
ޒިޔާދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހެނދުނު ފަށައި، ގިނަފަހަރަށް 10 ޖެހުމުގެ ކުރިން ނިންމާލާ ކަމަށާއި، މިކަމާ ގުޅިގެން ހިތްހަމަނުޖެހޭ އެތައް މެމްބަރުންނެއް ތިބިކަމަށެވެ.
ޒިޔާދު ފާހަގަކުރެއްވިގޮތުގައި، މިހާރު މަޖިލީހުގެ ޖަލްސާތައް ގިނަފަހަރަށް ކުރިޔަށް ގެންދަނީ ގާނޫނެއްގެ މާއްދާއަކަށް އަކުރެއް އިތުރުކުރުމަށް ނުވަތަ މާއްދާއެއް އިސްލާހުކުރުމަށް އެކަންޏެވެ. މީގެއިތުރުން ޒިޔާދު ވިދާޅުވީ، މަޖިލީހަށް ބިލެއް ހުށަހަޅައިގެން މަސައްކަތްކުރާނެ އެކަށީގެންވާ އެޖެންޑާއެއް ނެތްކަމަށާއި، މިހާރު އޮތީ ދެ ގަރާރަކާއި ބިލެއް އެކަނިކަމަށެވެ. އަދި ޒިޔާދު ވިދާޅުވީ ކޮމިޓީތަކުގެ ބަހަނާ ދައްކައިގެން ކޮންމެ ދުވަހަކުވެސް ޖަލްސާތައް ނިންމާލާކަމަށެވެ.
ޒިޔާދު ވިދާޅުވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމަށް މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެވޭކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ އިއްޔެ އިސްލާހުކޮށްފައި ފޮނުވި ބިލަކާ ގުޅިގެން އަނެއްކާވެސް މިއަދު ވާހަކަދައްކަންޖެހުނު ކަމަށެވެ. މީގެއިތުރުން ޒިޔާދު ފާޑުކިޔުއްވާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭންކުރުމަށް ސަރުކާރުގެ މައި ޕާޓީގެ މެމްބަރުން ރަށްރަށަށް ދަތުރުކުރަމުންދާއިރު، ރަށްރަށުގައި އެއްވެސް މަޝްރޫއެއް ކުރިޔަށްނުދާ ކަމަށާއި، ފެށުނު ޕްރޮޖެކްޓްތައްވެސް ވަނީ ހުއްޓިފައިކަމަށެވެ.