
އަމާރާގެ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނީ މެންދަމުން އަލިވެ ތިނެއް ޖެހިފަހުންނެވެ. ވަރުބަލިވެގެން ލޯ ހުޅުވާލާނެ ހިތްވަރެއް ނެތަސް، މެންދަމުގެ އެ ގަޑީގައިވެސް އަމާރާ ގެއަށް އައީ އޭނާގެ ސްކޫޓީގައި އެކަންޏެވެ. ގެއަށް ވަދެވުމާއެކު ސޯފާއަށް ދަބަސް އެއްލާލާފައި އަތާއި ހަށިގަނޑުގެ ގުނަވަންތަކަށް އަރާމްލިބޭފަދަ ލުއި ކަސްރަތުތައް ކޮށްލި އެވެ. ސިންކު ކައިރިއަށްގޮސް، އުޅަނބޮއްޓާއި ހިސާބުންފެށިގެން ދެއަތް ދޮވުނެވެ.
ކަންނެއްކަމާއެކު ހިނގާލާފައި އައިސް، މޯޅިއަކަށް ދެމިލާފައި ސޯފާގައި އޮށޯތެވެ. އިތުރަށް ހަމަޖެހިލުމަށްޓަކައި ބޮލުގައި އައްސާފައިވާ ވޫލްކޮޅު ނައްޓާލާފައި އިސްތަށިގަނޑު ހާވިޔާކޮށްލި އެވެ.
އަމާރާގެ ފިރިހެން ކޮއްކު ރާފީ، ކާމޭޒުކައިރީގައި އިނީ ނޫޑްލްސް ތައްޓަށް އޫ ލައިގެން ޓީވީއަށް ގެއްލިފަ އެވެ.
ޓީވީގެ ސްކްރީނުން ފެންނަމުންދިޔައީ ވަރުބަލިކަމެއް ނެތި ތަޅާފޮޅާ، އަޑުގަދަ އަދި ގަދަފަދަ މަންޒަރެކެވެ. ޖަހަމުންދިޔަ ބަޑިތަކާއި، ދިމަދިމާއަށް ބުރަބުރައިގެން ދާ ކާރުތަކާއި އަޑުގަދަ ބެކްގްރައުންޑް މިއުޒިކްގެ ސަބަބުން މެރިފައިވާ ލޯތަކުގެ އެސްފިޔަވެސް ދުރުކޮށްލާނެކަން ކަށަވަރެވެ.
ވަރުބަލިކަމާއެކު އެސްފިޔަތަށް ތަޅުވާލާފައި އަމާރާ ބަލައިލީ ޓީވީގެ ސްކްރީނުން ފެންނަން ހުރި މޫނަށެވެ. ވވީރާނާކުރަމުންދިޔަ ގަދަފަދަ މަންޒަރުގެ މެދުގައި ލެއިން ތަތްތެޅިފައި އެހުރީ ޝައްޔާން ޔޫސްފް ރައިޒާދް އެވެ.
އަވަސް ހަރަކާތަކާއެކު އަމާރާގެ އެސްފިޔަތަށް ތަޅުވާލާފައި ދެ ލޯ ފޮހެލާފައި ޓީވީއަށް ބަލައިލި އެވެ.
'ސީރިއަސްލީ؟' ހިތާއިހިތުން ކިޔާލި އެވެ.
ރޮބޮޓެއްހެން ތެދުވެ ސޯފާގައި ހަމަޖެހިލަމުން އަމާރާ ރާފީއަށް ބަލައިލި އެވެ. ހިފައިގެން އިން އޫ އަތުން ދޫވިކަމެއްވެސް ރާފީއަކަށް ރެއަކާނުލަ އެވެ. މީގެކުރިން ރާފީ ކިތަންމެ ވަރަކަށް ފިލްމް ބެލިޔަސް އަމާރާގެ ސަމާލުކަން ލިބިފައެއްނެތެވެ. ނަމަވވެސް މިރޭ ތަފާތެވެ.
ވަރުބަލިކަން ވިއްސިވިހާލިވެއްޖެ އެވެ. ޓީވީން ފެންނަމުންދިޔަ ވަރުގަދަ އެކްޝަން ފިލްމުގެ ތެރެއަށް އަމާރާ ގެނބި ނިމިއްޖެ އެވެ.
އަމާރާގެ ހިތާއި ހިތުން ކުރެވެމުންދިޔައީ ބަހުސެކެވެ. އަތާއި ނިއްކުރީގެ ކުދިކުދި ޒަހަމްތަކުގެ ސަބަބުން ވޭނަށްކިޔައި، އެންޓިސެޕްޓިކްދެކެ ބިރުން ލޯ ހުޅުވަން ނުކެރިގެން މިރޭ އުޅުނު ޒުވާނަކީ މިއީ ހެއްޔެވެ؟
އެއްލިކަޅިޔަކުން ރާފީގެ ދޮންތަގެ އާދަޔާހިލާފް 'ޝައުގުވެރިކަން' ފާހަގަކުރެވުނެވެ. ނިއްކުރިއަށް ރޫއަރުވާލާފައި ރިމޯޓްނަގާފައި ފެންނަމުންދިޔަ މަންޒަރު ހުއްޓުވާލި އެވެ.
"ދޮންތާ..؟ ފިލްމް ބަލަނީތަ..؟" ޔަގީން ނުވެފައި ރާފީ ސުވާލުކުރި އެވެ.
"ސޯ؟" ސުވާލުގެ ޖަވާބުގައި އައީ ސުވާލެކެވެ.
"ވެއިޓް، ވެއިޓް.. މި ނޫނީ ދުވަހަކުވެސް ފިލްމެއް ބަލަން މަޑުކޮށްގެން އިންދައި ނުދެކެން.. ކޮން ކަހަލަ ތަފާތެއް މި ފެންނަނީ..؟" ދެ ލޯ ބޮޑުކޮށްފައި ރާފީ ސުވާލުކުރި އެވެ.
އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް، ދެކުދިންގެ މަންމަ ފަރީހާ އަތުވެއްޖެ އެވެ. ހުދުކުލައިގެ ފަތާ ތައްޓެއް ފުރެންދެން ހުރީ އެކި ވައްތަރުގެ ތާޒާ މޭވާ އެވެ.
"އަމޫ... އެކަށްޗެއްވެސް ނުކައި ތިހުރީ.. ބަނޑުފުރެންދެން ކާންވާނެ..! އަމާރާގެ ކުރިމަތީގައި ހުރި ކޮފީޓޭބަލލްމަތީގައި ތަށި ބަހަށްޓަމުން ފަރީހާ ބުންޏެވެ.
"މިހާރު ހުންނާނީ ވާވަރަށް ފިލްމް ބެލިފައި.. ކޮޓަރިއަށް ގޮސް، ކިޔަވަންފަށާ..!" އަޑު ހަރުކޮށްލާފައި ފަރީހާ ބުންޏެވެ.
"މަންމާ އެންމެ ފަސް މިނެޓް އިތުރަށް.. ޕްލީޒް..!" ކޯ ފުންޕާލާފައި، ތުންކޮޅު އޫ ކޮއްލާފައި ރާފީ އެދުނީ އިތުރަށް އެންމެ މިނެޓެއްވިޔަސް ފިލްމް ބަލާލަން މަޑުކުރެވޭނެ އުޒުރެކެވެ.
"ޓެސްޓް އައިސް ޖެހުނީ.. ބޭނުމީ ޑޮކްޓަރަކަށްވާންތަ؟ ނޫނީ ފިލް ކުޅެންތަ..؟" އަމާރާގެ ދެ ލޯ ބޮޑުވެ ހުއްޓުންއެރި ވަގުތު، ދެ ކޯ ފުއްޕާފައި ދެ ލޯ ވައްކޮށްގެން ފައިވާން ދަމަމުން، ފޮތް ކިހިލިޖަހައިގެން ކޮޓަރިއަށްވަދެ ރާފީ ދޮރު ލައްޕައިފި އެވެ.
ރާފީ ދޮރުލެއްޕުމާއެކު ފަރީހާ އެނބުރުނީ އަމާރާއާއި ދިމާއަށެވެ.
"ލޯންގް ނައިޓް..؟" އަޑުގައިވަނީ އޯގާތެރިކަމާއި މަޑުމައިތިރިކަމެވެ.
"ހޫމްމްމމ.. މަންމާ.. އެކަމަކު ތަފާތު ކަމެއްނެތް.. އެހެން ހުރިހައި ރެއެކޭ މިރޭވެސް އެއްގޮތް..!" ކާން ފަސޭހަވާނެ ގޮތަށް ކޮށާފައިހުރި މޭވާގެ ތެރެއިން އަލަނާސިކޮޅެއް އަނގަޔަށް ލަމުން އަމާރާ ބުންނެވެ.
މަންމަގެ ލުއި ހިނިތުންވުމަކީ އަމާރާގެ ހިތަށް ލިބުނު ތަސައްލީއެއްކަން އެ މަންމަގެ މައިވަންތަކަމުގެ ތަޖުރރިބާއިން ދެނެގަތެވެ.
"ކާލާ.. ހުސްކޮށްލާ، އޭގެ ފަހުގައި ވާހަކަދައްކާނީ.." މަންމަގެ އިޒްނައާއެކު ކެއުމުގައި އަމާރާ މަސްއޫލުވިޔަސް އޭނާގެ ދެ ލޯ ހުއްޓިފައިވަނީ ޓީވީގެ ސްކްރީނަށެވެ.
ސްކްރީނުން ފެންނާންހުރި، ޝައްޔާން ޔޫސުފް ރައިޒާދްގެ އަތުގައި ބޮޑު ބަޑިއެއް އޮތް މަންޒަރަށެވެ. އެ ދެލޮލުނން ފެންނާންހުރި ޔަގީންކަމާއި އަމިއްލަ ނަފުސުގެ އިތުބާރާއި މޫނުމަތީގެ ޖަޒްބާތުތަށް އަމާރާ އަޖައިބުކޮށްލައިފި އެވެ. ދެލޮލުގެ ބާރުގަދަކަމުން، އެ ދެލޮލަށް ބަލައިލުމަށް އަމާރާއަށް ފަސޭހައެއް ނުވި އެވެ.
މިރޭ އަމާރާއާއި ހޮސްޕިޓަލުން ބައްދަލުވީ ހަމަ މި ސޫރަ އެވެ. އެކަމަކު އެއީ މުޅިން ތަފާތު މީހެކެވެ. ޒަހަމް ސާފުކުރުމަށް އުޅުނުވަގުތު ޝައްޔާންގެ ދެ ލޯ މަރައިލިގޮތް، އަމާރާގެ ލޯ ކުރިމަތީގައި އެނބުރެލި އެވެ. އެއްމިޔަކަނުން ހިނިއަސިސް، ދެފަރާތަކަށް ބޯ ހޫރުވާލާފައި ހިންދިރުވާލެވުނީ ހިތަށް އެރި އެއްޗަކުންނެވެ.
ފިލްމް ސްޓާރުން ކޮންމެ ވަގުތެއްގައި، ކޮންމެ ކަމެއްގައިވެސް ކުޅޭނީ ޑްރާމާ އެވެ!
..................
ޝައްޔާންގެ ކެރިއަރގައި މިވަރުގެ ކަމަކާ އަދި ދިމާނުވެ އެވެ. ކުރިމަތިވި ކަންކަން ހަޖަމުކުރަން އޭނާއަށް ފަސޭހައެއް ނުވި އެވެ. އެއީ ޝައްޔާން ޔޫސުފް ރައިޒާދް އެވެ. ދިވެހި މަންމައަކާއި އިންޑިއާގެ ބައްޕައެއްގެ ހުރި ހަމައެކަނި ދަރި އެވެ. ދުނިޔޭގެ އެކި ބަސްބަހުން ވާހަކަދެއްކުމާއި، ދާދި ކުޑަކުޑަ އިރުންފެށިގެން އެކިގައުމުތަކުގެ ބަސްތައް އުނގެނުމަކީ ޝައްޔާންގެ ތަފާތު ޝައުގުވެރިކަމެއް އުފެދުނު ކަމެކެވެ.
ހަޔާތުން މަދުދުވަސްތަކެއް ދިވެހިރާއްޖޭގައި ހޭދަކުރިޔަސް، ޝައްޔާން ދިވެހިބަހަށް ފަރިތަ އެވެ. މާއްދާއެއްގެ ގޮތުގައި ދިވެހި ކިޔަވާފައި ނުވިޔަސް، މަންމަގެ އެދުރުކަމުގައި ޝައްޔާންއަށް ދިވެހި ބަހުގެ ތައުލީމް ދީފައިވަނީ މިޒަމާނުގައި ދިވެހި ރާއްޖޭގައި އުޅެ ބޮޑުވާ އާންމުކުދިންނަށް ވުރެން އެތަށް ގުނައެއް ރަގަޅު ފެންވަރުގަ އެވެ. އިންޓީރިއާ ޑިޒައިނިންގ ދާއިރާއިން މާސްޓާސް ހަދައިގެން އިންޑިއާއަށް މަންމަ ގާތަށް އައުމާއެކު، ލިބުނު މަޝްހޫރުކަމާއި މަގްބޫލުކަމުގައި ފިލްމީ ދާއިރާއަށް ވަދެވުނނީ އިއްތިފާގުންނެވެ. އެދާއިރާ އިހްތިޔާރުކުރުމަށް ޝައްޔާންގެ ވިސްނުމުގައި އޮތަތީއެއް ނޫނެވެ. ނަމަވެސް ދިމާވި އާއިލީ ރައްޓެހިންނާއި އޭނާގެ 'ފިރިހެންވަންތަ' ސިފަތަކާއި ފުރިހަމަކަމުގެ ސަބަބުން ލިބުނު ފުރުސަތުތަކަށް ނިމުމެއް ނައިސް 'އަޖުމަ ބަލާލުމަށް' ކުޅުނު ފުރަތަމަ ފިލްމް އެތައް ރެކޯޑެއް މުގުރާލުމަކީ އެދާއިރާއަށް ވަނުމުގެ ވިސްނުމެއް ނެތަސް، ފިލްމީ ދޮރާށިން އަލުން ނިކުތުމަށް ޝައްޔާންއަށް އުނދަގޫވި ސަބަބެކެވެ.
ހުއްޓުމެއްނެތި ލިބުނު މަގުބޫލްކަމުގެ ތެރެއިން ވިދިވިދިގެން ތެލޫގޫ ތިން ފިލް 'ސްޕަރހިޓް'ވުމަކީ ޝައްޔާންގެ ތަރި މެދު އުޑުގައި ފިޔަޖަހާލި ސަބަބެކެވެ. ދިވެހިރާއްޖެއަށް ނިސްބަތްވާ ޒުވާނަކަށްވުމުން، ދިވެހި އުފެއްދުންތެރިންގެ ލޮލުގެ ކަޅިންވެސް ޝައްޔާންއަށް ސަލާމަތެއް ނުވެނުނެވެ.
ޖެހިޖެހިގެން އައި ދެއަހަރު ޝައްޔާންގެ ފިލްމްތަކާއި އޭނާގެ އިންޓަވިއުތަކުން ދިވެހި ސްކްރީންތަކާއި ނޫސްތައް ވިދާބަބުޅަމުން ދިއުމަކީ، ފަސްއަޅައި ފޮރުވެމުންދިޔަ ދިވެހި މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީއަށް ބަހާރު މޫސުން ގެނެސްދިން ތާޒާކަމެވެ.
މިލިއަނުން އަންހެންކުދިންގެ ހިއްތަކާއި، ސަޕޯޓަރުންގެ ދުލާއި، ލޮލާއި އަދި ސިކުނޑީގައި 'ޝައްޔާން' ފަވާލެވިފައިވާއިރު، މިކުޑަކުޑަ ރާއްޖޭގެ ކޮންމެވެސް 'ކަނެއްގައި' އަމާރާ ނަމަކަށް ކިޔާ ޑޮކްޓަރަކު ފޮރުވިފައި އިނުމުން ޝައްޔާން އާޝޯހްވެއްޖެ އެވެ.
މަގްބޫލްކަމާއި މުއްސަނދިކަމާއި، މަޝްހޫރުކަމާއި ކުރިއެރުން ޝައްޔާންގެ ދުނިޔެ އުޖާލާކުރަމުން ދަނީ އޭނާގެ އެންމެ އިޝާރާތަކަށް ރީތި ހިތްގައިމު އެތަށް އަންހެންކުއްޖަކު ދީވާނާ ކުރުވަމުންނެވެ.
ހަގީގަތަކީ މިއީ އެވެ. އެކަމަކު ހުޅުމާލޭގެ އެންމެ އަގުބޮޑު ސަރަހައްދުގައި ހުރި އެންމެ ހިތްގައިމު ޕެންޓްހައުސްގައި އިދެގެން ޝައްޔާން ޔޫސުފް ރައިޒާދް އޭނާގެ މޮބައިލް އެ ހާވަނީ ވަކި ނަމެއްކިޔާ އަންހެންކުއްޖަކު ނުވަތަ ވަކި 'ޑޮކްޓަރަކު' ސޯޝަލްމީޑިއާއިން އަތުޖެހޭތޯ އެވެ!
ކީއްވެ ހެއްޔެވެ؟
ސަބަބު ވަރަށް ސާފެވެ.
ޑޮކްޓަރ އަމާރާ އާރިޒް ފަހުމީ، އިސްއުފުލައި ދެވަނަ ފަހަރަށް 'ސްޕަރސްޓަރ ޝައްޔާން' އަށް ބަލައިވެސް ނުލީތީ އެވެ.
މިއީ 'އީގޯ' މައްސަލައެއް ނޫނެވެ. ޝައްޔާންއަށް އެކަން ޔަގީނެވެ. އެކަމަކު ހިތް ފަތަހަ ކުރާނެވަރުގެ ޔަގީން ޖަވާބެއް ވިސްނާވިސްނާވެސް އޭނާގެ ސިކުނޑިއަކުން ނުހޯދުނެވެ.
ޑޮކްޓަރ އަމާރާ އެހެން ހުރިހައި މީހުންނާއި ތަފާތުވާ ކޮންމެވެސް ސަބަބެއް ވާނެކަން ޝައްޔާން ފާހަގަކޮށްފި އއެވެ. ސޯޝަލް މީޑިއާ ބަލަމުން ދަނިކޮށް ޝައްޔާންގެ ސަމާލުކަން ހޯދީ ޑޮކްޓަރ އަމާރާއެއް ނޫނެވެ. އޭނާގެ 'އިންޖަރީ'އާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. ޝޫޓިން ސްޕޮޓްގައި ހިނގި އެ ހާދިސާއަށް އެތައް ބައެއްގެ ސަމާލުކަންވަނީ ހުއްޓިފަ އެވެ.
'މަޝްހޫރު ތަރި ޝައްޔާންއަށް ޝޫޓިން ސްޕޮޓްގައި ލިބުނު އަނިޔާއަށް ފަރުވާދެމުންދަނީ، ޑޮކްޓަރުންގެ ހާއްސަ އަޅާލުމާއެކު' ފެނުނު ސުރުހީގައި ދެފަހަރު، ތިންފަހަރުވެސް އަތް ހާކާލެވުނެވެ. އަމިއްލަ ކަންފަތަށް އިވޭވަރަށް އެ ސުރުހީ ކިޔާލެވުނެވެ.
ހާއްސަ އަޅާލުމާއެކު؟ އަމިއްލަ ހިތާއިހިތުން ސުވާލުކޮށްލެވުނު ވަގުތު، ނިއްކުރިއަށް ރޫ އަރުވާލެވުނެވެ.
'މޫނާއި ދިމާއަށް ބެންޑޭޖް ހޫރުވައިލުން އެއީ ހާއްސަ އަޅާލުން ކަމަށްވަންޔާ، މި ސުރުހީގައި މިއޮތީ ތެދު ހަގީގަތް' ޗޮކެއް ކަނޑާލަމުން ޝައްޔާން ބުނެލީ ޑްރާމާ ގޮތަކަށެވެ.
ވިސްނާލުމަށްފަހު، ލާނެއް ފާޑަކަށް އެއްމިޔަކަނުން ހިނިއައި އެވެ. ފޯނުން ތަސްކީންގެ ނަމްބަރު ހޯދާލުމަށްފަހު ޑައިލް ކޮށްލި އެވެ. ރަގަޅު ވިސްނުމެއް އައީ އެވެ! (ނުނިމޭ)