
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށީ މިއަދުއެވެ.
މި މައްސަލައިގައި ޝަމްއާންގެ ފަރާތުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުން އެދި ބަންދު މުރާޖައާ ކޮށްދިނުމަށް އެދި ހުށަހަޅާފައެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއީ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދައުވާއެކެވެ.
ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.