
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން، 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ އިރު އޭގެ ތެރޭގައި އައްޑޫ ސިޓީ ހަންކެޑެ ވެސް ހިމެނޭ ކަމަށެވެ.
އެ ނިންމެވުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އަންނަނީ އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެކަމާ ގުޅިގެން، އަޒާން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ގޮވާލާ ކަމަށެވެ. ހަންކެޑެ މަޝްރޫއު ހުއްޓާލައި އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ނިންމި ނިންމުމާއި،އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އަޒާންވެސް ދެކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަނުޖެހޭތީކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެމްއެފްއެމްސީ އިން ހާމައެއް ނުކުރެ އެވެ. އެ މަޝްރޫއު ލަސްވާތީ، އެކަން ބެލުމަށް މީގެ ދެ މަސްކުރިން މަޖިލީހަށް ވެސް މައްސަލައެއް ވައްދާފައިވެ އެވެ.
އައްޑޫ ރައްޔިތުންގެ ބޮޑު އުންމީދަކާ ގުޅިފައިވާ ހަންކެޑެ ތަރައްގީ ކުރަން މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކުރި އެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ.
މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލު ކުރި އެ މަޝްރޫއު ކުރިއަށް ނުދިއުމުން 2،500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގި އެވެ. އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ސާމްޕަލް ރޫމެއް ވެސް ހެދި އެވެ. އެކަމަކު އެހިސާބުން މަސައްކަތް ހުއްޓުނީ އެވެ.