
ސިންގަޕޫރަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ފައްޓަވައިދެއްވަމުން ސައީދު ވިދާޅުވީ، "ސޯލާ ސިޓީ" ނަމަކަށް ކިޔާ އެސްއީޒެޑްގެ އެންމެ ފުރަތަމަ މަޝްރޫއު ފެށުމާއެކު، އިންވެސްޓްމަންޓްގެ އަދަދު މި ހިސާބަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވިގޮތުގައި ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ އެސްއީޒެޑްތަކަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމެވެ. އޭނާ ވިދާޅުވީ މިހާރު ހާސިލްކުރެވިފައިވާ 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން ދައްކުވައިދެނީ ތާރީހީ ކުރިއެރުމާއި، އެއް ބިލިއަން ޑޮލަރަށް ވާސިލްވުމުގެ އަމާޒުގެ މަގުކަމަށެވެ. ސަރުކާރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީ 150 ބިލިއަން ރުފިޔާއަށް މަތިކުރުމާއި، ބޮލަކަށް ޖެހޭ ޖީޑީޕީގެ ނިސްބަތް 17،000 އެމެރިކާ ޑޮލަރަށް އިތުރުކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ސިންގަޕޫރުގައި ބޭއްވުނު ފޯރަމްގައި ސައީދު ފާހަގަކުރެއްވިގޮތުގައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް މުއިއްޒު އަމާޒު ކުރައްވާކަމަށާއި، މިކަން ކުރާނީ ސަރުކާރުން އެކުލަވައިލާ 20 އަހަރުގެ ތަރައްގީގެ ތަސައްވުރުގެ ތެރެއިންނެވެ. ފާއިތުވި 50 އަހަރު ސިންގަޕޫރުގެ ވިޔަފާރިވެރިންގެ ފަރާތުން ރާއްޖޭގެ ތަރައްގީއަށް ކޮށްދިން އިންވެސްޓްމަންޓްތަކަށް ޝުކުރު އަދާކުރައްވައި، މިހާރު ހުޅުވިފައިވާ ފުރުސަތުތަކަށް އިންވެސްޓްކުރުމަށް ސައީދު ދައުވަތު އެރުވިއެވެ.