
މި މަޝްރޫއު ފުރިހަމަވުމުން ރާއްޖެއިން ތެލަށް ކުރާ ހަރަދުން އަހަރަކު 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމެވެ. މަޝްރޫއު ހިންގާ ކެނެޑާގެ ކުންފުނި ކަމަށްވާ އަބުރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޖޭމްސް ކޯލްޓާ އެޑީއެވެ. މި މަޝްރޫއަކީ 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ މަޝްރޫއެކެވެ.
ސޯލާ ސިޓީ މަޝްރޫއު ފަރުމާކޮށްފައިވަނީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ލަނޑުދަނޑިއަށް ވާސިލްވާނެ ގޮތަށެވެ. މި މަޝްރޫއު މިހާރު ވަނީ ފަށާފައެވެ. އަދި 2027 ވަނަ އަހަރު ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.