
އެމްބެސަޑަރު ކޮންގް އެކްސްގައި މިއަދު ވިދާޅުވީ މި ފީއަކީ ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރިމަންޓްގެ ދަށުން ހުއްދަ ކަމެއްތޯ ސުވާލު އުފެދިފައިވާ ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެ ޓުވީޓު ޑިލީޓުކުރައްވައިފައެވެ.
ބީއެމްއެލްއިން ފީ ނަގަން ނިންމާފައިވަނީ ޑެބިޓް ކާޑުން ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން ކުރާ މުއާމަލާތްތަކުންނެވެ. ޑޮލަރުގެ އަގު 15.42 ރުފިޔާ ކަމުގައިވިޔަސް މި ވެބްސައިޓުތަކުން ކުރާ ވިޔަފާރިތަކުގައި ޑޮލަރެއް ޖެހޭނީ 20 ރުފިޔާއަށެވެ.
ބޭންކުން ބުނެފައިވަނީ ބޭރުގެ ޓްރާންސެކްޝަންތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަ ކުރާ ކަމަށާއި، އޭގެ ތެރެއިން 75 ޕަސަންޓަކީ ފިޔަވަޅު އެޅި ވެބްސައިޓުތަކުން ކުރާ ވިޔަފާރި ކަމަށެވެ. ބޭންކުން ބުނެފައިވަނީ ފީ ނަގަން ޖެހުނީ ޑެބިޓް ކާޑުތަކަށް ހަމަޖައްސާފައިވާ ފޮރިން ޓްރާންސެކްޝަން ލިމިޓްގެ ބޭނުން ނާޖާއިޒު ގޮތުގައި ނަގާތީ ކަމަށެވެ.