
މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކެކެވެ. ސިންގަޕޫރުގެ ފުޑް އެޖެންސީއަށް ވަޑައިގަތުމާއެކު، ފަސްޓް ލޭޑީއަށް މަރުހަބާ ދެންނެވީ އެ އެޖެންސީގެ ޑެޕިއުޓީ ޖެނެރަލް އޮފް ފުޑް އެޑްމިނިސްޓްރޭޝަން ޑޮކްޓަރ ޓޭން ލީ ކިމްއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރެއްވި މި ޒިޔާރަތުގައި އެ އެޖެންސީގެ އިސްވެރިންނާއެކު ރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ސިންގަޕޫރުގެ ފުޑް އެޖެންސީއަކީ އެ ގައުމުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ގައުމީ ޖަމުއިއްޔާއެކެވެ. އެ އެޖެންސީގެ މައިގަނޑު މަގުސަދަކީ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި ކާބޯތަކެތީގެ އުފެއްދުންތައް އިތުރުކޮށް އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވަނީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ސިންގަޕޫރު ދެމެދު އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.