
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކުލަވާލި އެންމެ ފުރަތަމަ އެޑްވައިޒަރީ ބޯޑުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، މިއަހަރުގެ ކައުންސިލްގެ މަސައްކަތުތާވަލުގައި ލޯކަލް ޓުއަރިޒަމްގެ ސިނާއަތް ކުޅުދުއްފުއްޓަށް ގެނައުމަށް ރަށުފެންވަރުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޝަނަށް އަންނަންވާއިރަށް ކުޅުދުއްފުށި އެކަމަށް ތައްޔާރުވެ، ރަށުގެ ރައްޔިތުންނަށް މި ސިނާއަތުގެ މަންފާ ލިބޭނޭގޮތްތައް ހޯދާ އެކަމަށް މަގުފަހިކުރުމުގެ މުހިއްމު މަގުސަދުގައި ކަމަށް ކައުންސިލުން ބުންޏެވެ.
މިބޯޑު އިފްތިތާޙު ކޮށްފައިވަނީ އެކަމަށްޓަކައި ލަގޮނޑި މާލިމީ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބޯޑު މެމްބަރުންގެ އިޤްރާރުގައި ސޮއިކުރުމާއި ބޯޑުގެ އިފްތިތާހީ ބައްދަލުވުން ބާއްވާފައިވެއެވެ. އަދި މި ބައްދަލުވުމުގައި ބޯޑުގެ ވައިސް ޗެއަރޕާސަން އިންތިހާބުކޮށްފައިވެއެވެ. ބޯޑުގެ ޗެއަރޕާސަން ކަނޑައަޅާފައިވަނީ ކައުންސިލްގެ އާންމު ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.
ކުޅުދުއްފުށީގެ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ދެ މެމްބަރުންނާއި، ސިޓީ ކައުންސިލްގެ އެއް އިދާރީ މުވައްޒަފަކާއި އަދި އާންމުންގެ ތެރެއިން ހަ މެމްބަރުން ހިމެނޭހެން ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށެވެ.