
މިނިސްޓަރު، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އެގްރިމެންޓު ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ބާވެ، ވީރާނާވަމުން އަންނަކަމަށް ބުނެ، ރަށު ކައުންސިލުތަކުގެ ކަންބޮޑުވުން ސަރުކާރަށް އަންނަނީ ހުށަހަޅަމުންނެވެ.
އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ޒާމަތުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ކަމަށް މީގެ ކުރިން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.
ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނުގެ ވައުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމެވެ.
ތާވަލާ އެއްގޮތަށް ހިނގައްޖެ ނަމަ ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ބުންޏެވެ.
އެ މަސައްކަތް ދެން ހަވާލުކުރާނެ ކުންފުންޏެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.