
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 22ގައެވެ.
މައުރޫފް މަގާމުން ވަކިވެޑައިގަތުމަށްފަހު ރިޓަޔާކުރަން ވަނީ ނިންމަވާފައެވެ. އަދި މަގާމުން ރިޓަޔާ ކުރައްވަން ނިންމެވިކަން އެޗްޑީސީގެ މުވައްޒަފުންނަށް ވަނީ އަންގަވާފައެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި ކަމާގުޅުންހުރި ފަރާތްތަކުން ތަހުގީގްކުރަމުންދާތީ، އެ ތަހުގީގަށް ފުރުސަތު ދިނުމަށްކަމަށް ބުނެއެވެ.
މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ވަރަށް ގިނަ ދުވަސް ވަންދެން، އެ ތަން ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.
ހުޅުލޭ ފަޅު ހިއްކައި ހުޅުމާލެ ތަރައްގީކުރުމުގެ ޕްރޮޖެކްޓުގައި މައުރޫފް އިސް ދައުރެއް އަދާކުރެއްވި އެވެ. އޭނާއަކީ އާކިޓެކްޓެކެވެ. އަދި, ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކާއި ރިސޯޓުތަކުގެ އާކިޓެކްޗާއާ ގުޅޭ ރިސާޗު ވެސް ކުރައްވާ ބޭފުޅެކެވެ.