
މި މައްސަލަ ހުށައެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ ވެރިކަންކުރާ ޕީއެންސީގެ 34 މެންބަރުން ވޯޓުންނެވެ
ކުޑޫ ހުށައެޅި ކުއްލި މައްސަލާގައި ބުނީ ގުޅިފަޅުން ރައްޔިތުންނަށް ގޯތި ދޫކޮށް، އެ ގޯތިތައް ލިބޭ މީހުން ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށް، ގޯތީގެ އެއްބަސްވުމުގައި މިދިޔަ ސަރުކާރުގައި އޮތީ ސޮއިކޮށްފައިކަމަށެވެ. އަދި ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށް ފަހު އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހުންނަށް މަޖުބޫރުކޮށްފައިވާ ކަމަށްވެސް ކުޑޫގެ މައްސަލާގައިވެއެވެ.
އެހެންނަމަވެސް ހިންގައި ނިމިފައިވާ މުއާމަލާތެއްގެ އެއްބަސްވުމެއް ސަރުކާރުން އަމިއްލައަށް އުވާލައި، އެއްބަސްވުމުގެ ޝަރުތުތަކާއި ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލައަމިއްލައަށް ކަނޑައެޅުމަށްފަހު، އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ، ކޮންޓްރެކްޓާބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ކުޑޫ ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ. އަދި އެކަމަކީ އެ މީހުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ސަރުކާރުން ކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.