
ބަންގްލަދޭޝް މީހާގެ މަރުގެ މައްސަލައިގައި ދައުލަތުން ނިޒާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
2023 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާގެ ޝަރީއަތް ފެށިފައިވާއިރު، މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ. މި މައްސަލައިގައި ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރެއްވި ފުލުސް މީހާގެ ހެކިބަސް މިހާރުވަނީ ނަގާފައެވެ. އެއީ މި މައްސަލައާ ގުޅުންހުރި ސީސީޓީވީ ފުޓޭޖުތަކުން ފެންނަނީ ނިޒާމުކަން ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެއްކެކެވެ. ހެކިވެރިޔާވަނީ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ މީހާ ނިޒާމްއާ އެއްގޮތްވާ ސިފަތަކާއި ގުޅޭގޮތުން ހެކިބަސް ދީފައެވެ.
އޭނާ ނިޒާމްއާއެކު ފުރައިގެން ދިޔަ މަންޒަރު ފެނުނުކަމަށް ބުނާ ހެކިވެރިން ދައުލަތުން މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެކަން އެ ހެކިވެރިން ވަނީ ތަހުގީގަށްވެސް ކިޔާދީފައެވެ. އަދި ސީސީޓީވީ ފުޓޭޖުންވެސް ބަނދަރު ސަރަހައްދުން ލިޓަން ފެންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެގެން އުޅެނިކޮށް ދޯނީގެ ވެރިފަރާތަށްވެސް މައުލޫމާތު ލިބިފައިވަނީ ދޯނި އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށެވެ. އޭގެ ފަހުން ލިޓަންއާއި ނިޒާމު ހޯދަމުން ދަނިކޮށް ނިޒާމް ފެނިފައިވަނީ މާލެއިންނެވެ.
ޑިސެމްބަރު 28، 2022 ގައި ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ހޯދި ހޯދުމުން އެނގުނު ގޮތުގައި އެންމެ ފަހުން އެ ދެ މީހުން ފެނިފައިވަނީ ތެޔޮބޯޓެއްގައި ވިލިމާލޭ ފަޅުން ނުކުމެގެން ދަނިކޮށް ކަމަށްވެ އެވެ. ޖެނުއަރީ 01، 2023 ގައި އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފަ އެވެ. ނަމަވެސް ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ.
އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ އާންމު މީހަކު ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ. ދައުލަތުން ތުހުމަތު ކުރަނީ، ލިޓަންއަށް ނޭގި ހުއްޓާ އޭނާ މޫދަށް ކޮއްޕާލައިގެން އޭނާ މަރާލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ ޑިސެމްބަރު 28، ގެ 19:00 އާ 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެ ތުހުމަތުގައި ނިޒާމުގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ވައްކަމުގެ ދައުވާ ކުރަނީ ދޯނިން 51،000ރ. ވަގަށް ނެގި ކަމުގެ ތުހުމަތުގަ އެވެ.