
މައުރޫފް މިކަން ހާމަކުރައްވާފައިވަނީ، އޭނާ ރިޓަޔާ ކުރެއްވުމާއި ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި މަގާމާ ހަވާލުވެ ވަޑައިގަތް މައުރޫފް ރިޓަޔާކުރައްވަން ނިންމައިވައި އެކަން މުވައްޒަފުންނަށް ވަނީ އަންގަވައިފަ އެވެ.
މައުރޫފް ވިދާޅުވީ ރިޓަޔާމަންޓުގައި ހުންނެވުމަށްފަހު އެ މަގާމާއި އޭނާ ހަވާލުވެވަޑައިގަތީ ރައީސްގެ އެދިވަޑައިގަތުމަށްކަމަށެވެ. އަދި ވިދާޅުވީ މަގާމުގައި ހުންނަވައިގެން ހާސިލްކުރައްވަން ބޭނުންވި ގިނަ ކަންކަން ހަ މަސް ތެރޭ ހާސިލް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގަތް އިރު ވެސް، އުމުރުގެ ގޮތުން އެހާ ގިނަ ދުވަހު މަސައްކަތް ނުކުރެއްވޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެއީ ކުރަން ބޭނުންވެފައި ހުރި ކަމަކަށްވާތީ ފުރުސަތުގެ ބޭނުންހިއްޕެވީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި އޭނާ ރިޓަޔާ ކުރެއްވި ނަމަވެސް، އެޗްޑީސީއާ ހުޅުމާލޭގެ ތަރައްގީއާ ނުވަތަ މި ދާއިރާއާ މުޅީން ދުރަށް ވަޑައިގަންނަވަނީއެއް ނޫނެވެ. އެޑްވައިޒަރީ ރޯލެއްގައި، ހައްޓަށް ލުއިކޮށް ހުރެ، އެޗްޑީސީއަށް ހިދުމަތް ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތަރައްގީގައި މިހާރު ފެންނަ ކުރިއެރުންތައް ހޯދުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މުޙައްމަދު މައުރޫފް ޖަމީލު ހިމެނިވަޑައިގަންނަވަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މައުރޫފް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަަލަތަކެއްގެ ތަހުގީގު ފެށުމާ އެކު އޭނާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.