
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ނަންބަރު އައިނުގެ ވިޔަފާރި ފަށަން ސަރުކާރުން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވީ މިދިޔަ މޭމަހުގެ 31 ވަނަދުވަހުއެވެ.
ދައުލަތުގެ މީޑީއާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި އައިނު ވިއްކާ ފިހާރަ މިމަހުގެ ތެރޭގައި ހުޅުވާނެކަމަށެވެ. މިތަން ހުޅުވުން އެތަނުން އައިނަށް ނަމްބަރު ނެގުމުގެ ހިދުމަތް ލިބޭނެކަމަށް ހަލީމް ވިދާޅުވިއެވެ. އަފި އަދި އެހެން ތަނަކުން ނަމްބަރު ނަގައިންގެން އަންނަ ފަރާތްތަކަށްވެސް އައިޖީއެމްއެޗް އައިނު ފިހާރައިން އައިނު ހެއްދޭނެކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
މިމަހުގެ ތެރޭގައި އައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވުމަށްފަހު ވަރަށް އަވަހަށް ހުޅުމާލޭ ހޮސްޕޮިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވާނެކަމަށް ލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.
ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000 ރުފިޔާއަށްް ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.
އެ ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗުން ނަމްބަރު އައިނުގެ ވިޔަފާރި ކުރަން ނިންމީ އައިނަށް އާސަންދައިން ކުރާ ހޭދަ ބޮޑުކުރުންކުރުމުން ޕްރައިވެޓް ސެކްޓަރުން އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުދެއްވުމަށްކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގައިވެސް އެ ހިދުމަތްދޭނެކަމަށެވެ. އަދި މިކަން ކުރުމުން އަމިއްލަ ވިޔަފާރިވެރިން ކިތަންމެ ހިތްހަމަ ނުޖެހުނަސް އެއްވެސް މައްސަލައެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.