
'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު'ގެ ނަމުގައި ސަރުކާރުން މަޖިލިހަށް ބިލެއް ވައްދާފައެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ސަރުކާރުން ހުށައެޅި ބިލުގައި ރައީސްގެ ދައުރުގެ މެދުތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމަނާފައިނުވާކަމަށެވެ. އެހެންކަމުން ކޮމެޓީ މަރުހަލާގައި އެ އިސްލާހު ހިމެނުމަށް އައްބާސް ގޮވާލެއްވިއެވެ. އަދި އެ އިސްލާހުގައި ރައީސްގެ އިތުރުން މަޖިލިސް މެމްބަރުންގެވެސް ދައުރުގެ މެދުތެރެއިން ވޯޓަކަށް ދާން ފެންނަކަމަށް އައްބާސް ވިދާޅުވި އެވެ.
މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 62 މެމްބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލަށް ބިލު ބަލައިގަނެ މި ބިލު ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުވާފަ އެެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވިދާޅުވީ މީ ރައީސް ޑރ، މުހައްމަދު މުއިއްޒު ރައްޔިތުންނަށް ކަންކަމުގައި ބާރު ދެއްވުމުގެ ގޮތުން ކުރައްވާ އިހްލާސްތެރި މަސައްކަތެއްކަމަށެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ މީ އަންނަ ރިޔާސީ އިންތިހާނު ނުބައްވާ މި ދައުރު ދިގު ދަންމާލަން ސަރުކާރުގެ ހީލަތްތެރި ރޭވުން ހާސިލްކުރުމުގެ ބޭނުމުގައި ހުށައަޅާފައިވާ ބިލެއްކަމަށެވެ.