
ފ. މަގޫދޫގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ލަސްވާ ސަބަބު ހޯދުމަށް މަޖިލީހުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންވަނީ، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ސުވާލުކުރަން ނިންމާފައެވެ. ސަރުކާރުން ފ. އަތޮޅު މަގޫދޫގައި އިމާރާތް ކުރަމުންދާ އެއަރޕޯޓުގެ ގާތްގަނޑަކަށް 43 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީގެ ރެކޯޑްތަކުން ދައްކައެވެ. އެކަމަކު އެ ސްޓޭޓަސްގައި މަސައްކަތް އޮންނަތާ މިހާރުވަނީ ދުވަސްކޮޅެއްވެފައެވެ.
ގާތްގަނޑަކަށް 232 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 650 ދުވަހުގެ ތެރޭ އެންމެހާ މަސައްކަތްތައް ނިންމާ ގޮތަށެވެ.
މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ލަސްވާތީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މި ފަހުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާ ސުވާލުކުރައްވާފައިވެއެވެ. މި އަހަރުގެ މޭ މަހު މުއްތަލިބު އޭރު ވިދާޅުވި ގޮތުގައި މި ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެއްކޮށް ނިންމާލައި ރަސްމީކޮށް ހުޅުވާނެއެވެ.
މަގޫދޫ އެއަރޕޯޓް އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން މަގޫދޫގައި އެއާޕޯޓެއް ފަރުމާކޮށް ތަރައްގީ ކުރާއިރު، އެއަރޕޯޓްގެ އިންފްރާސްޓްރަކްޗާގެ ބޮޑެތި ބައިތަކުގެ ތެރޭގައި ޕެސެންޖަރު ޓާމިނަލެއް ހެދުމާއި، ފަޔަރ ބިލްޑިންގ އާއި، ފަޔަރ ޕެޑާއި، ފަޔަރ ޕޮންޑާއި، ޓެކްސީވޭއާއި، ސާވިސް ރޯޑާއި، ރަންވޭއާއި، އޭޕްރަން ހިމެނެއެވެ.
ކޮމިޓީ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމުގެ ސަބަބުން ލިބޭ ގެއްލުން ކަމަށެވެ. ޝަމްހީދު ހުށަހެޅުއްވީ ސިޓީއެއް މެދުވެރިކޮށް ލިޔުމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޖަވާބެއް ހޯދުމަށެވެ. ޝަމްހީދުގެ ހުށަހެޅުއްވުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ތާއީދުކުރެއްވިއެވެ.
ކޮމިޓީގެ އިއްތިފާގުން ނިންމީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ލަސްވާ ސަބަބު ހޯދުމަށް މިނިސްޓްރީ އާ ސުވާލުކުރުމަށެވެ.