
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން އިއްޔެ ހަވީރު، ގިނަ އަދަދަކަށް ރިޕޯޓްލިބިފައިވާ މާލޭގެ ދިލްބަހާރުމަގުގައި ހުންނަ ވިޔަފާރި ހިންގާ ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެ އޮޕަރޭޝަނުގައި 300 އަށް ވުރެ ގިނަ ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 31 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 26 ފިރިހެނަކާއި ފަސް އަންހެނަކު ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި އޮޕަރޭޝަން އިމިގްރޭޝަނުން އަތޮޅުތެރެއަށް ވެސް ފުޅާކުރަމުން އަންނަ އިރު، މިދިޔަ މަހުގެ 25 ވަނަ ދުވަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 83 ބިދޭސީން އަތުލައިގެންފައިވެ އެވެ.