
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 553.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މި ކުރިއެރުމަކީ ޓޫރިޒަމް ދާއިރާ ހަރުދަނާކަމާއެކު ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.
ގްރީން ޓެކްސްގެ އިތުރުން، ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އެހެނިހެން ޓެކްސްތަކުން ލިބޭ އާމްދަނީވެސް އިތުރުވެފައިވެއެވެ. ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ 5.2 ބިލިއަން ރުފިޔާއިން 5.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. ހަމައެއާއެކު، އެއަރޕޯޓް ސަރވިސް ޗާޖަސް އަދި ޑިޕާޗަ ޓެކްސްއިން ލިބުނު އާމްދަނީވެސް 566.0 މިލިއަން ރުފިޔާއިން 877.5 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.
ޓެކްސްތަކުގެ ކުރިއެރުން މިހާ ރަނގަޅުވުމުގެ ސަބަބުން، ސަރުކާރުގެ މުޅި އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. ޖޫން 26 ވަނަ ދުވަހާ ހަމައަށް ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 14.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 18.58 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ސަބަބުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުގައި 4.88 ބިލިއަން ރުފިޔާގެ ދަރަނި ހުރިއިރު، މިއަހަރު 628.2 މިލިއަން ރުފިޔާގެ ސަރޕްލަސްއެއް ހާސިލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.