
މި ދަރަނީގެ ތެރޭގައި ހިމެނެނީ ދައުލަތުން ލޯކަލް އަދި ބޭރުގެ މާކެޓްތަކުގައި ވިއްކާފައިވާ ޓްރެޒަރީ ބިލްތަކާއި، ބޮންޑްތަކާއި އަދި ސުކޫކްތަކެވެ.
ދައުލަތުގެ ސެކިއުރިޓީސްގެ ބޮޑު ބައެއް ނިސްބަތްވަނީ ދިވެހި ރުފިޔާއިން ވިއްކާފައިވާ ލޯކަލް ސެކިއުރިޓީސްއަށެވެ. އެގޮތުން ލޯކަލް ސެކިއުރިޓީސްގެ އަގު 86.6 ބިލިއަން ރުފިޔާއަށް އަރާއިރު، ބޭރުގެ މާކެޓްތަކުގައި ވިއްކާފައިވާ ސެކިއުރިޓީސްގެ އަގު 9.25 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ދަރަނީގެ އެންމެ ބޮޑު ބައެއް ގޮތުގައި ހިމެނެނީ ރުފިޔާއިން ވިއްކާފައިވާ ޓްރެޒަރީ ބިލްތަކެވެ. އެގޮތުން އޭގެ އަގު 38.5 ބިލިއަން ރުފިޔާއަށް އަރައެވެ. ހަމަ އެހެންމެ، ރުފިޔާއިން ވިއްކާފައިވާ ޓްރެޒަރީ ބޮންޑްތަކުގެ އަގު 28 ބިލިއަން ރުފިޔާއަށް އަރައެވެ.
ޔޫއެސް ޑޮލަރުން ދޫކޮށްފައިވާ ލޯކަލް ސެކިއުރިޓީސްގެ ތެރޭގައި 5.9 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލްތަކާއި، 9.9 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑްތައް ހިމެނެއެވެ.
މީގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ އުސޫލުތަކާ އެއްގޮތަށް ދޫކޮށްފައިވާ ސެކިއުރިޓީސްގެ އަގު 4.25 ބިލިއަން ރުފިޔާއަށް އަރައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަށް ދޫކޮށްފައިވާ ސެކިއުރިޓީސްގެ އަގު 33.5 ބިލިއަން ރުފިޔާއަށް އަރައެވެ.