
އެ ޔޫނިއަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފާހަގަކުރާ ގޮތުގައި މާލޭގައި 15 އަހަރު ނުވާތީ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ފޮނުވާ ސިޓީތަކުގައި ހިމެނެނީ ސައްހަ ނޫން މައުލޫމާތެވެ.
ފަހި ޔޫނިއަނުގެ ގާނޫނީ ވަކީލު އަލީ ހުސެއިން ހާމަކުރެއްވި ގޮތުގައި ފްލެޓް ލިބޭނެކަން އަންގާފައިވާ މާލޭ ސްކޫލެއްގެ ޓީޗަރަކަށް ހައުސިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޓީޗަރު 2012 އިން 2017 އަށް ތ. އަތޮޅުގެ ސްކޫލެއްގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު ސްކޫލުން ކަށަވަރުކޮށްފައިވާ ގޮތުގައި އެ ޓީޗަރަކު ދުވަހަކު ވެސް އެ ސްކޫލުގައި މަސައްކަތްކޮށްފައި ނުވެއެވެ. އަދި ޕެންޝަން އޮފީހުން ވެސް ކަށަވަރުކޮށްފައިވަނީ އެ ސްކޫލުން އެ ޓީޗަރަށް ޕެންޝަން ޖަމާކޮށްފައި ނުވާ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި މިއީ ހައުސިން މިނިސްޓްރީގައި މިނިސްޓަރާ ދެކޮޅު ބަޔަކު ކުރަމުންދާ ކަމެއް ކަމަށް އެނގިފައިވެއެވެ. މީގެއިތުރުން އޭނާ ފާހަގަކުރި ގޮތުގައި، ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅިފައިވާ ނަރުހަކަށް ވެސް މިފަދަ ސިޓީއެއް ފޮނުވާފައިވެއެވެ. މާލޭގައި 13 އަހަރުގެ އުމުރުން ފެށިގެން ދިރިއުޅެމުން އައި އޭނާ، ކުއްލިއަކަށް މާލެއިން ނުކުންނަން ޖެހުމުން ވަގުތީގޮތުން ރަށަކަށް ބަދަލުވެ އެއް އަހަރުފަހުން އަނބުރާ މާލެއައިސްފައިވާއިރު، މިނިސްޓްރީން ބުނަނީ މާލޭގައި ދިރިއުޅުނު މުއްދަތު މެދުކެނޑިފައިވާ ކަމަށެވެ. އަލީ ހުސެއިން ބުނިގޮތުގައި މިއީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.