
ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުގެ ދަށުން އަހަރީ ރިޕޯޓް ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނި ގޮތުގައި އެ މުއްދަތުގައި އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ޖުލައި މަހުގެ 31 ވަނަ ދުވަހގެ ކުރިން ރިޕޯޓް ހުށަހެޅުމަށްވަނީ ފުރުސަތު ދީފައެވެ.
މިނިސްޓްރީން މިއަދު ބުނި ގޮތުގައި ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" ނަންބަރު: 2021/R-29 ގެ 9 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ތަނުން، މިނިސްޓްރީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް، ނިމިދިޔަ އަހަރުގެ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.
މި އަހަރީ ރިޕޯޓު، މި މުއްދަތުގައި ހުށަނާޅައިފިނަމަ، އެ ފަރާތަށް ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިޚްތިޔާރު، މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންވާކަން ހާމަކޮށް މިނިސްޓްރީން ބުނީ، އަހަރީ ރިޕޯޓު 30 ޖޫން 2025 ގައި ހުށަނާޅާ ފަރާތްތަކުން 31 ޖުލައި 2025 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ހަނދާންކޮށްދޭ ކަމަށެވެ. އަދި، 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އެ މުއްދަތުގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާތިލު ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.