ads
އެމްއެންޑީއެފް ކޯސްޓްގާޑް
އިއްޔެ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާ!
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައި ވާ އިރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް އިއްޔެ އެކަނިވެސް ރިޕޯޓްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނި ގޮތުގައި އިއްޔެ މެންދުރުން ފެށިގެން ރެއާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާއާއި، ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާއާއި، އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާއާއި، 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ. އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާއާއި، 4 މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާއާއި، މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާއާއި، 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނެއެވެ.  

ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އަދި ފެނިފައިނުވާ އިރު، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.

ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ.

އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދުވަނީ ސަލާމަތްކޮށްފައެވެ.

22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވެސްވަނީ ސަލާމަތްތެރިކަމާ އެކު ދަރަވަންދޫއަށް ވައްދާފައެވެ.  އެމްއެންޑީއެފުން ބުނި ގޮތުގައި މި ސަފާރީއަށް އެހީތެރިވީ ފުލުހުންނެވެ.

ކ. ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ރޭ ދަންވަރު ހިންމަފުށްޓަށް ގެންގޮސްފައެވެ.

މ. އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު ރޭވަނީ މާލެ ގެނެސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް