
ތިން މިނިސްޓްރީއެއް ކުރިން ހިންގި މ. ގްރީން ބިލްޑިންގުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭރު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވެއެވެ.
އަލިފާނުގެ އެ ހާދިސާއަށް ފަހު، ހައުސިން މިނިސްޓްރީއާ އިންފްރާސްޓަރަކްޗަރ މިނިސްޓްރީ އެއްކޮށްލައި އެއް މިނިސްޓްރީގެ ގޮތުގައި ހިންގަނީ މިހާރު ދަރުބާރުގޭގައެވެ. ފަހުން ވަޒީރުވެސްވަނީ ބަދަލުކޮށްފައެވެ..
އެ މިނިސްޓްރީން، މުޅިން އާ ސާވާ ސެޓަޕެއް ގާއިމް ކުރަން ނިންމައި، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިހާރުވަނީ އިއުލާންކޮށްފައެވެ. އެ މަސައްކަތާ ގުޅޭ ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އާދިއްތަ ދުވަހުގެ ހެނދުނު މިނިސްޓްރީގައި އޮންނާނެއެވެ.
ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވަނީ އާ ސާވާ ސެޓަޕްގެ ހުރިހާ މަސައްކަތެއް ދަރުބާރުގޭގައި އެސްޓެބްލިޝް ކުރާ ގޮތަށެވެ. މަސައްކަތަށް މަދުވެގެން ތިން އަހަރުގެ ވޮރަންޓީއެއްވެސް ދޭން ޖެހޭނެ ކަމަށް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ވެރިކަމުގެ މި ދައުރުގެ ބާކީބައި އެކުގައި ހައުސިން މިނިސްޓްރީ ދެން ހިނގާނީ ދަރުބާރުގޭގައެވެ.