އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އަރަބިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސަލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީއަށް ރާއްޖޭގެ އިސްލާމީ ތާރީހާއި އިސްލާމިކް މިނިސްޓްރީގެ މެންޑޭޓް އަދި މަސައްކަތްތަކާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައެވެ. އެ ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ ސައުދީ އަރަބިއާގެ ސަރުކާރުން ދިވެހި ސަރުކާރާމެދު ބަހައްޓަވާ ގާތް ގުޅުމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން އިސްލާމިކް މިނިސްޓްރީގެ ކަންކަމަށް ދެއްވާ އިސްކަމާއި އަހައްމިއްޔަތު ފާހަގަކޮށް، ސަފީރާއި އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެއިތުރުން މިއަހަރުގެ ހައްޖު މޫސުމުގައި ދިވެހި ހައްޖާޖީންގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދެވުމަށް ސައުދީ ސަރުކާރުންނާއި އެމްބަސީން ވެދެއްވި އެހީތެރިކަމަށްޓަކައި އިސްލާމިކް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އާ ސަފީރުގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ފަރާތް ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ޝަހީމް ވަނީ ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.