
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
މި ދެމީހުން އެދުވަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ 15 ދުވަހަށެވެ.
ފުލުހުން ބުނީ ވަގު ސްލިޕް ހަދާ އެތައް ހާސް ރުފިޔާއަކަށް މަކަރާ ހީލަތް ހެދި މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބައި ތިއްބަން ނުފެންނާތީ ދޫކޮށްލާފައިވާކަމަށެވެ..
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން މުހައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށާއި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، މި މީހުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި މަކަރާއި ހީލަތުން ހުޅުމާލޭގައި ހުންނަ ފިހާރައިން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5817 ރުފިޔާގެ ތަކެތި ހޯދާފައިވާކަންވެސް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.
ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ދަނީ ކުރެވެމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށް އެބަގެންދެއެވެ.