
މިނިސްޓަރު ސޯޝަލް މީޑިއާގައި ޝެއާކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، މިހާރު ޕަބްލިކް ވަރކްސް ޔުނިޓު ގާއިމުކޮށްފައި ނުވާ އަތޮޅުތަކުގައި އެ ޔުނިޓުތައް ގާއިމުކުރާނެ ރަށްރަށް ކަނޑައަޅައިފިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ޕަބްލިކް ވަރކްސް ޔުނިޓުތައް ގާއިމުކުރުމަށް ކަނޑައަޅާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، އަދި ގއ. ވިލިނގިލީގައެވެ. މި ރަށްރަށް ކަނޑައަޅާފައިވަނީ އަތޮޅު ކައުންސިލް ހިންގާ ރަށްރަށަށް އިސްކަން ދީގެންކަމަށް މިނިސްޓްރީން ބުނެއެވެ.
ޕަބްލިކް ވަރކްސް ޔުނިޓުތަކަކީ އިމާރާތްކުރުމާއި މަރާމާތުކުރުން ފަދަ އާންމު އެކިއެކި މަސައްކަތްތައް ހަވާލުކުރެވިފައިވާ ބަޔަކަށްވާއިރު، ރާއްޖޭގެ 9 ރަށެއްގައި މިހާރުވެސް މި ޔުނިޓުތައް ގާއިމުކުރެވިފައިވެއެވެ. އާ ޔުނިޓުތައް ގާއިމުކުރުމަށް އިދާރީގޮތުން ނިންމަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.