
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ އަހާ ފޯރަމުގައި އާންމު ރައްޔިތަކު ގިރާވަރު ފަޅުން ގޯތި ދިނުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާއާއެކު އެއްބަސްވުން ހަދާފައިވާ ކަމަށާއި އެކުންފުންޏަށް 35 މިލިއަން ޑޮލަރު ދީފައިވީނަމަވެސް ހިއްކާފައިވަނީ އެންމެ 60 ހެކްޓަރު ކަމަށެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި މަސައްކަތާ ގުޅޭ އެތައް މައްސަލަތަކެއް ހުރުމާއެކު ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމައި ބަންޑާރަނައިބުގެ އޮފީހުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އެގްރީމަންޓް ހަދާފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަކަށް ކަމަށާއި މިހާރު ސަރުކާރުން މަސައްކަތްކުރަނީ އިތުރު ބަދަލެއް ނުދީ އެއްބަސްވުން ބާތިލުކުރެވޭނެ ގޮތަކަށް އެކަން ކުރުމަށް ކަމަށެވެ.
އެއްބަސްވުން ބާތިލުކުރެވޭހާ އަވަހަކަށް ގިރާވަރުން ގޯތި ދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.