
މި ޓެސްޓުތައް ކުރިއަށް ގެންދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މި ޓެސްޓުތަކަކީ އާ ޓާމިނަލްގެ ހިދުމަތްތައް ރަސްމީކޮށް ދިނުމުގެ ކުރިން ކުރިއަށް ގެންދާންޖެހޭ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ މުހިންމު ބައެކެވެ.
މި ޓެސްޓުތަކުގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާބަސް އޭ330 އަދި އޭ320ގެ މަތިންދާބޯޓު ބޭނުންކޮށްފައިވެއެވެ. އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ 12 އެއަރޯ ބްރިޖުގެ ތެރެއިން ދެ ބްރިޖެއް ވަނީ ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައެވެ.
އާ ޓާމިނަލް އާއެކު ބޭނުންކުރަން ފަށާ އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑިން ސިސްޓަމް (އޭވީޑީޖީއެސް) ވެސް ވަނީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި މިއީ ދުބާއީ، ސިންގަޕޫރު އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އެއާޕޯޓްތަކުގައިވެސް ބޭނުންކުރާ، ދުނިޔޭގެ އެންމެ އެޑްވާންސް ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރެވެ.
ވީއައިއޭގެ އާ ޓަމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. އާ ޓާމިނަލާއެކު، ފަސިންޖަރުން އުފުލަންޖެހޭ ދަތިތައް ކުޑަވެ، ވަގުތު ސަލާމަތްވެ، ރައްކާތެރިކަން ކަށަވަރު ކުރެވޭނެއެވެ. އަދި އަހަރަކު ހިދުމަތް ދެވޭ ކެޕޭސިޓީ ގާތްގަނޑަކަށް 5 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.