އާސަންދަ ސްކީމަށް ޖުމްލަ 1,066.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ސަބްސިޑީތަކަށް 1,536.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ހަފްތާގައި ސަރުކާރުގެ ހަރަދުތައް އިތުރުވެފައިވަނީ މައިގަނޑުގޮތެއްގައި ސަބްސިޑީތަކުގެ ސަބަބުންކަން ފިނޭންސް މިނިސްޓްރީން ނެރުނު ރިޕޯޓުން ހާމަވެއެވެ.
އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި މިހާތަނަށް 9,421.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މީގެ ބޮޑު ބައެއް ހިއްސާކުރަނީ އާސަންދައާއި ސަބްސިޑީތަކެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި ޖުމްލަ 16,618.9 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، ސަރުކާރުގެ ޖުމްލަ ހަރަދު (ރިކަރަންޓް އަދި ކެޕިޓަލް ހަރަދު) 2025 ވަނަ އަހަރުގެ ޖުލައި 10 އާ ހަމައަށް ވަނީ 18,760.8 މިލިއަން ރުފިޔާއަށް އަރާފައެވެ.