ads
ރޯދަ ވިއްލުމަށް ކާމޭޒުމަތި ތައްޔާރުކޮށްފައި---ފޮޓޯ:ސަން
ރޯދަ މަހު ސިއްހަތަށް ފައިދާހުރި ކާނާ ކައި، އިސްރާފު ނުކުރާތި!
މިއަހަރުގެ ރޯދަ މަސް ފެށިގެން މިދިޔައީ އަހަރެމެން އެކަކުވެސް ދުވަހަކު ހީނުކުރާ ގޮތަކަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމާއެކު މުޅި ރާއްޖެ މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރޯދަ މަހަށް ތައްޔާރު ވާން ވަގުތުވެސް ނުލިބުނެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނައެވެ.

އޭގެ އިތުރުން އިޖުތިމާއީ ގައިދުރުކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފަ އެވެ. މިދަނޑިވަޅުގައި ރަށްތަކުގައި އެއްވެ އުޅުމަށް ވެސް ވަނީ މަނާކޮށްފަ އެވެ.

މިއާ ހިލާފަށް މީގެ ކުރީ އަހަރުތަކުގައި ރޯދަ މަހު ފެނިގެންދަނީ މެންދުރު ނަމާދުކޮށްގެން އެންމެން ގުރޫޕު ހަދައިގެން ތާސް ކުޅޭ މަންޒަރެވެ. އަދި ހަވީރުއަތަށް އެޅުމުން ފިނި ބުރު ޖަހަންދެ އެވެ. ރޯދަ ވިއްލުމަށް ތަފާތު ވައްތަރު ވައްތަރު ކާނާ ތައްޔާރު ކުރެއެވެ. ސިއްހަތަށް ވާނެ ގެއްލުމަކަށް ވެސް ނުބަލާ ގިނަ ފަހަރު ރޯދަ ވިއްލާ ގަޑީގައި ހުރި އެއްޗެއް ކައެވެ. އަދި ރޭގަނޑު ތަރާވިހަށް އެންމެން ދެއެވެ.

ނަމަވެސް މިއާދަތަކުގައި މިއަހަރު "ފުލުސްޓޮޕް" ޖަހަން ޖެހެ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެތައް ކަންކަމަށް ވިސްނަން ޖެހެ އެވެ. ކެވޭ އެއްޗަށް ވެސް ވިސްނަން ޖެހެ އެވެ.

ރޯދަމަހު ރަނގަޅު ކާނާ ކެއުމަށާއި އިސްރާފު ނުކުރުމަށް ޑރ. މޫސާ މުރާދު ވެސް ވަނީ އެދިވަޑައިގަންނަވާފަ އެވެ. އެގޮތުން ޑރ. މުރާދު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ ހޮސްޕިޓަލަށް ދިއުން ވީހާވެސް މަދުކުރަންވީ ވަގުތު ކަމަށެވެ. އަދި ސިއްހީ ގޮތުން ރަނގަޅު ނޫން ކާނާ ކައިގެން ސިއްހީ މައްސަލަ ދިމާވާނަމަ ހޮސްޕިޓަލަށް ދާނެ ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ. 

އެހެންކަމުން މި ދަނޑިވަޅުގައި ވީހާވެސް ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ބޭނުން ކުރުމަށް ޑރ. މުރާދު ލަފާދެއްވަ އެވެ.

"ސިއްހީގޮތުން ފައިދާހުރި ރަނގަޅު ކާނާ ރޯދަ މަހު ބޭނުންކުރުން އަދި ކާނާ ބޭނުންކުރުމުގައި ވެސް މެދު މިންވަރު ހިޔާރުކޮށްގެން، ކާނާ އިސްރާފުނުވާނެ ގޮތަށާއި އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ސިއްހަތަށް ވެސް އުނދަގޫ ނުވާނެ ނުވަތަ ސިއްހަތަށް ވެސް ގެއްލުން ނުވާނެ ގޮތަށް ކެއުން ބެހެއްޓުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް،" މުރާދު ވިދާޅުވިއެވެ.

ރަނގަޅު ކާނާ ކެއުމުގެ އިތުރުން ކާނާ އިސްރާފު ނުކުރުމަކީ މުހިންމު ކަމެކެވެ. ރޯދަ މަހަކީ އިސްރާފު ކުރުމުގައި ފާހަގަ ކުރެވޭ މަހެކެވެ. އެގޮތުން ރޯދަ މަހު ރޯދަ ވީއްލާ ވަގުތަށް ވަރަށް ގިނަ ކާބޯތަކެތި ތައްޔާރު ކުރަނީ އެވަގުތު ގިނައިން ކެވޭނެ ކަމަށް ހީކޮށެވެ.

އެހެން ނަމަވެސް ރޯދަ ވީއްލުމާއި އެކު ބޮވޭ ފެންތައްޓާއެކު ބަނޑު ފުރި ކެއްކި ގިނަ ކާބޯތަކެތި އުކާލަންޖެހޭތަން ފެނެ އެވެ. ހާރު ކެއުމަށްޓަކައި ވެސް ގިނަ ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކޮށް ނުކެވި އުކާލަތަން ފެނެއެވެ. ނަމަވެސް މިއީ ކޮށްގެން ވާ ވަރުގެ ކަމެއް ނޫނެވެ. އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަޙީ ކުރައްވާފައިވާ ކަމެކެވެ. 

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.

"އޭ އާދަމްގެ ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.”

މިމަތިވެރި މައްސަރުގެ ފުރިހަމަ ސަވާބާއި، މާތް ރަސްކަލާނގެ ރުއްސެވުން ލިބިގަތުމަށް އެކަލާނގެ އެންގެވި މަގުން ވީހާވެސް ބޮޑަށް އިސްރާފުކުރުމާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި މަތިވެރި މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބު މާތް ރަސްކަލާނގެ ދިވެހި އުއްމަތަށް ފޯރުކޮށްދެއްވާށި! އަދި މިބަލިމަޑުކަން ވީއެންމެ އަވަހަކަށް އަޅުގަނޑުމެންގެ އެންމެން ފިއްލަވާންދޭ! އާމީން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް