
ސްޕްރީމް ކޯޓު
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަށް ދުވަސް ދީފި
މުހައްމަދު އާދަމް އަހްމަދު
21 ޖުލައި 2025 - 17:09:50
އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާނު މަގާމުން ރިޓަޔާކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެކަމަށް އެދި ހުށައަޅަން ވާނީ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށްކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އެހެންނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތޮލެވޭ ޝަރުތުތައް
- އުމުރުން 30 (ތިރީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން
- އިސްލާމީ ޝަރީއާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން؛
- ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ޤާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
މިއަދު ރިޓަޔާކުރެއްވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް އެއްފަހަރާ، 159،000 ރުފިޔާ، މަހަކު ގާތްގަޑަކަށް 32،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް