
ބަންގްލަދޭޝް މީޑިއާތަކުން ބުނީ އެފް-7 ބީޖީއައި މަތިންދާބޯޓު ޑާކާގެ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖު ކެމްޕަހަށް ވެއްޓުނީ ބަންގްލަދޭޝް ގަޑިން މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ. އެ ވަގުތު ބައެއް ދަރިވަރުން ދިޔައީ ސްކޫލްގައި ޓެސްޓެއް ހަދަމުން ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އެ ހާދިސާގައި އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ފިހިގެން ދާ މީހުންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި އިސްކޮށް ހުންނަވާ ބިދާން ސާކާ ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލަށް އެއް ކުއްޖަކު ގެންދިޔައިރު އޮތީ މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި އެތައް ބަޔަކަށް އަނިޔާ ލިބުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޔޫނުސް މުހައްމަދާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުހައްމަދު ޔޫނުސް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ޔޫނުސް ވަނީ ބޯޓު ވެއްޓުމާ ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގައި އެމަޖެންސީ ހޮޓްލައިނެއް އެކްޓިވޭޓް ކޮށްފައިވާކަން ވެސް އިއުލާން ކުރައްވާފަ އެވެ.
ބަންގްލާދޭޝްގައި މިހާރު އޮތް ވަގުތީ ސަރުކާރުން ވަނީ މި ހާދިސާއާ ގުޅިގެން، މާދަމާ އަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށް އިއުލާނުކޮށްފަ އެވެ.