ގަލޮޅު ސިޓީ ޕާކު އަލުން ހުޅުވީ ބެޑްމިންޓަން ކޯޓަކާއި ތްރީ-އޮން-ތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ވަސީލަތްތަކާއެކުގަ އެވެ.
މިކަން ފާހަގަކޮށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ 10 އަހަރުވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިންކޮށް ވަރަށް ފުރިހަމައަށް ތަރައްގީކޮށް ހުޅުވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެގޮތުން، މި ޕާކު ބޭނުންކުރާ ހުރިހާ އެންމެން ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދިނުމަށް އާޒިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް"ގެ ނަމުގައި، އެކި ކުލަތަކުން ދިއްލޭ ގަސްތަކާ އެކު 2015 ވަނަ އަހަރު ވެސް އެ ޕާކު ހުޅުވި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.