ads
ނަޝީދާއި ފައްޔާޒު ރޭ އޯޓީޕީގައި ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރައްވަނީ.
ނަޝީދާއި ފައްޔާޒް އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ ޕާޓީގެ ބައެއް މެންބަރުންނާ ރޭ ބައްދަލުކުރައްވައިފި އެވެ.
Advertisement

އޯޓީޕީގައި ރޭ ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒު ވެސް ވާހަކަފުޅު ދެއްކެވި އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ލޯކަލް އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެން އެކައްޗެއް ކިޔައިގެން ކަމަށެވެ.

އެމްޑީޕީން މި މަހުގެ ކުރީކޮޅު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ކައުންސިލް އިންތިހާބަށް އެ ޕާޓީން ގެންގުޅޭ ޓައިމްލައިނާއި ގުޅޭ ރިޕޯޓު ފާސްކޮށްފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޓިކެޓުގެ 33 ޕަސެންޓް ޒުވާނުންނަށް ހާއްސަކުރުމަށް ނިންމާފައިވާ ކަމަށާއި ޒުވާނުން ކަމަށް ބަލާނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ.

އަދި ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ އެ ޕާޓީގެ އެކެޑެމީން ކުރިއަށްގެންދާ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކީ މިހިނގާ ދައުރުގެ ކައުންސިލަރެއް ނަމަ އެ ފަރާތެއް އެ ޕްރޮގްރާމްގައި ބައިވެރިވުން ލާޒިމް ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޕްރައިމަރީއަށް ހުރިހާ ދާއިރާއަކަށް ބޭނުންވާ އަދަދަށް ކުރިމަތިނުލައިފި ނަމަ، އެ ގޮނޑިތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ޕާޓީން ވަކިން ހޯދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ ޖެނުއަރީ 10 ގަ އެވެ.

ރޭގެ ބައްދަލުވުމުގައި ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި އެމްޑީޕީ ދޫކޮށް ނަޝީދާ އެކު ޑިމޮކްރެޓްސްއާ ކުރިން ގުޅުނު އާންމު މެމްބަރުން ވެސް ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް