
ޕޮލިސް ބޯޑުގެ ލަފަޔަށް ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، އަދި އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން އަންގާފައިވަނިކޮށް، އެ މައްސަލަ އަނބުރާ ގެންދަން ނިންމި ކަމަށްވެސް ކުރިން ރިޕޯޓްތައް ފެތުރެނެވެ. އެ މައްސަލަ ހައިކޯޓުން މިއަދު ބާތިލު ކުރީ، މައްސަލައިގައި ދައުލަތުން އަމަލު ކުރަމުން އައި ގޮތާމެދު ފާޑު ކިޔުމަށް ފަހުއެވެ.
އެ މައްސަލައިގެ ގިނަ އަޑު އެހުންތަކަށް ބާއްވާފައިވާއިރު، ހައިކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާނުލައެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ މި މައްސަލަ ބާތިލު ކުރީ މިއަދުއެވެ.
ވަކިކުރި އިސް އޮފިސަރުންތަކުގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފަސް އޮފިސަރުންގެ މައްސަލަތައް ބެލިކަމަށް ދައުލަތުން ބުނިނަމަވެސް އެކަމުގެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި، ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނަތަކަށް ބެލުމަށް ފަހުގައި ކަމަށް ހުކުމުގައި ބުންޏެވެ. ނަމަވެސް އެ ފަސް އޮފިސަރުންނާއި ގުޅޭ އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަން ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ 2021 ވަނަ އަހަރުގެ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ.