
އެމްއެންޑީއެފުން ބުނީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލޭގެ ވަށައިގެން 19 ސަރަހައްދަކުން މާދަމާރޭ ހަވާއަރުވާނެކަމަށެވެ.
އެގޮތުން މާލެ ވަަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ ހަވާއަރުވަން ފަށާނީ މާދަމާރޭ 20:30 ހާއިރުކަމަށާއި 6 މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
މާދަމާރޭ ހަވާ އަރުވާ ސަރަހައްދުތައް ފާހަގަކޮށް އެމްއެންޑީއެފުން އާއްމުކުރި ޗާޓް
މަދަމާރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވަނީ މިނިވަންދުވަހާއި ދިމާކޮށެވެ. މާދަމާއަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހެވެ. މިނިވަންދުވަހާއި އެއާޕޯޓް ހުޅުވުން ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.
އެއާޕޯޓް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ އިތުރުން ޑްރޯން ޝޯއެއް އޮންނާނެކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. އަދި އެ ރަސްމިއްޔާތަށް 6000 މީހުންނަށް ދައުވަތު ދީފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިނިވަންދުވަހާއި ގުޅިގެން ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މާދަމާ ހަވީރު އޮންނާނެއެވެ. މި ހަރަކާތްތައް އޮންނާނީ މިއަހަރު ޖުމްހޫރީ މައިދާނުގައެވެ.