
މިކަން ރައީސް ފާހަގަކުރެއްވީ މިނިވަން ދުވަހާ ގުޅުވައިގެން ދިވެހި ފުލުހުންނާއި ސިފައިންނާއި ބައްދަލުކުރެއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި، ވާރޭވެހުނަސް، ކަރަންޓު ކެނޑުނަސް، އެންމެ ފުރަތަމަ ސަފަށް ނިކުންނަނީ ފުލުހުންނާއި ސިފައިން ކަމަށެވެ. އަދި މި ދެ މުއައްސަސާއިން ލޮއެއްބާއި ކުލުނާއެކު ރައްޔިތުންނަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ފުލުހުންނާއި ސިފައިންނަކީ ކޮންމެ ދުވަހަކު މަތިވެރި ގުރުބާނީތަކެއްވާ ބައެއް ކަމަށާއި އެބޭފުޅުންގެ އާއިލާއިން ވެސް އެފަދަ ގުރުބާނީތަކެއްވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ގޮތުން ދިވެހި ސަރުކާރުގެ ބަޖެޓުން މިއަހަރު ވެސް އަދި ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް މުހިންމު އަދަދެއް މި ދެ މުއައްސަސާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކަނޑައަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، މި އަހަރުގެ ޖުލައި 10 ވަނަ ދުވަހާ ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޖުމްލަ ބަޖެޓު ހޭދަ 2.25 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި މި އަހަރު މިހާތަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން 1,215.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން 1,038.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ގައުމީ ސަލާމަތާއި އާންމު އަމަން އަމާންކަމަށް ކަނޑައެޅުނު ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ 142.1 މިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 23.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ރިޕޯޓުގައި ހާމަވެއެވެ. މީގެ ތެރޭގައި ޕޮލިސް ސަރވިސްއަށް 10.1 މިލިއަން ރުފިޔާ އަދި ގައުމީ ސަލާމަތާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް 1.4 މިލިއަން ރުފިޔާ ހިމެނެއެވެ.
ސަލާމަތީ ދާއިރާއާ ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ބަޖެޓު ހޭދައަށް ބަލާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 184.9 މިލިއަން ރުފިޔާ އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން 93.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ.