
މިނިސްޓަރު މިހެން ވިދާޅުވީ، އިންޑިއާގެ ޕްރައިމް މިނިސްޓަރު މޯދީ ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވިގޮތުގައި، މި އެއްބަސްވުން އެކުލަވާލުމާއެކު ފަސޭހަކަމާއިއެކު މުދަލާއި ހިދުމަތުގެ މުއާމަލާތްތައް ކުރެވިގެންދާނެއެވެ. އަދި މާލީ ވިޔަފާރީގެ ބައިވެރިވުން އިތުރަށް ފުޅާވެ، ބޭންކިންގެ ދާއިރާއިންވެސް އިތުރުފަސޭހަތައް ލިބިގެންދިއުމަކީ ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއާއިއެކު ދެގައުމުގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އިންތިޒާމް (ލޯކަލް ކަރަންސީ ސެޓްލްމަންޓް) ހަމަޖެހިގެން ދިއުމަކީ ދިވެހި އިކޮނޮމިކްއަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ޓޫރިސްޓުންނަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށާއި، މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ފައިނޭންޝަލް އިންކްލޫސިވްނެސް އިތުރުކުރުމަށްޓަކައި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް ރާއްޖެއާއިއެކު މަސައްކަތްކުރެވޭނެ ފުރުސަތު ފަހިވެގެން ދިއުމަކީވެސް ތާރީހީ ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.