
ހަސަން ސާބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.
ހަސަން ސާބިރު އަވަހާރަވިއިރު އަނބިކަނބަލަކާއި، ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.
ސާބިރު ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ސާބިރަށް ރައީސް މުއިއްޒު އެރުވީ އިއްޔެ ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސާބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.
ހަސަން ސާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ހަސަން ސާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހަސަން ސާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ހާއްސަގޮތެއްގައި ހަސަން ސާބިރު ފާހަގަވެގެންދަނީ، ދިވެހި ގައުމުގެ އިގްތިސާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ހާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ހިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
11 ނޮވެންބަރު 1978 ގައި ރައީސް އުމޫން އަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި ޤައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލެއްވުމަށް ކަމަށްވާތީ، "ނޭޝަނަލް ޕްލޭނިންގ އޭޖެންސީ"ގެ ނަމުގައި އޮފީހެއް އުފައްދަވައި، އެ ތަނަށް ޤާބިލް މީހުން ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އެގޮތުން، އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުގެ މަގާމަށް ހަސަން ސާބިރު ހަމަޖެއްސެވީ، 16 ޑިސެންބަރު 1978 ގައެވެ.
ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމަށް 31 އޮކްޓޫބަރު 2007 ގައި ހަސަން ސާބިރު ޢައްޔަންކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ.
ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް 5 މާރިޗު 2019 ގައި ހަސަން ސާބިރު ޢައްޔަންކުރެއްވުމާ ގުޅިގެން، ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތަކަށް ރާއްޖެއިން ފޮނުވާ ތަކެތީގެ ޑިއުޓީ މާފުކުރެއްވުމަށާއި، ޔޫރަޕިއަން ޔޫނިއަނާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ސާބިރު ކުރެއްވިއެވެ.
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހަސަން ސާބިރު އައްޔަންކުރެއްވީ 30 މޭ ގައެވެ. މިސަރުކާރުގައިވެސް ހަސަން ސާބިރަކީ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ޙަސަން ސާބިރު، ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ހިދުމަތް ކުރައްވާފައެވެ.
ހަސަން ސާބިރަކީ، ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެމްބަރުކަން 24 ފެބުރުވަރީ 2000 ން 27 ފެބުރުވަރީ 2005ގެ ނިޔަލަށް ކުރައްވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް ސާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.