
މަޖިލީހުގެ އިދާރާއިން މިހެން ބުނީ މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ބަޔަކު އާންމުކުރި މައުލޫމާތާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ސޯޝަލް މީޑިއާގައި ބަޔަކު އާއްމުކުރި އެއްޗެއްގައި ވަނީ މަޖިލީހުގައި މެމްބަރުން ކުރެއްވި މަސައްކަތް ކަމަށް ބުނެ ހިސާބުތަކެއް އާއްމުކޮށްފައެވެ. އެ ހިސާބުތަކަކީ އެ މެމްބަރުން މަޖިލިހަށް ހުށައެޅު ބިލްތަކުގެ އަދަދެވެ.
ރައްޔިތުން މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި އެ މެމްބަރުން މަޖިލިހަށް ސްޕޮންސާކުރާ ބިލްތަކުގެ އަދަދުން ނޫންކަމަށާއި އެކި މަރުހަލާތަކުގައި މަޖިލީހުގެ މެމްބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް މަޖލީހުގެ ވެބްސައިޓްގައި އާއްމުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށްކަމަށް މަޖިލީހުން ނެރުނު ބަޔާނުގައިވެއެވެ. އެގޮތުން މެމްބަރުން މިހާތަނަށް ހުށައަޅާފައިވާ ބިލުތަކާއި ގަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރާ ސުވާލުތަކާއި، ސާމިލުވާ ކޮމެޓީތަކުގެ މައުލޫމާތާއި ތަފާސް ހިސާބު ފެންނަން ހުންނާނެކަމަށް މަޖިލިހުން ބުނެއެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ މަޖިލީހުގެ އިދާރާއިްން އާއްމުކުރާ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުން އަރާ ގޮތަށް އެ މައުލޫމާތު ބޭނުންނުކުރުމަށް އެދިފައެވެ.