
ރާއްޖެތެރެ ބާކީކޮށް، މާލޭގެ 23 ކްލަބުން އެފްއޭއެމް އިންތިހާބުކުރަން އެކުލަވާލި އަސާސީ ގަވާއިދު ބާތިލް ކުރެވިދާނެ ކަމަށް 6 ޖުލައި ގައި ވާނީ ދަންނަވާފަ އެވެ. މި ދިޔަ ހޮނިހިރުދުވަހާދިމާކޮށް 26 ޖުލައި 2025 ވީ މިނިވަންދުވަހުގެ ނިވަލުގައި އެފްއޭއެމްގެ އިންތިހާބުކޮށްފައި އެވަނީ ބާތިލް އަސާސީ ގަވާއިދެއްގެ ދަށުންނެވެ.
ޖޫންމަހުގެ 27 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކުރީ އެއިރު ދިރިދިރި އޮތް އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއާއި 22 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބެލެވެނީ، އެ ކޮންގްރެސްގައި ވޯޓްލީ މިމާއްދާތަކުން ތަފްސީލްކޮށްދޭ ވޯޓިންގް ޑެލިގޭޓުން ހިމެނޭ ލިސްޓަކަށް ނޫން ކަމަށް ވާތީއެވެ. މިއީ، ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ ގާނޫނީ ސައްހަކަން ގެއްލުވާލި އަމަލެކެވެ.
ވޯޓަރ ލިސްޓް އޮޅުވާލުން
ނޯމަލައިޒޭޝަން ކޮމިޓީއަށް ވޯޓިންގް ޑެލިޣޭޓުންގެ ލިސްޓް އަމިއްލެއަށް ބަދަލުކުރުމުގެ މެންޑޭޓެއް ނޯވެއެވެ. ވޯޓިންގް ޑެލިގޭޓުންގެ ލިސްޓް ބަދަލުކުރެވޭނީ އިސްވެ ދެންނެވުނު މާއްދާތަކުން ތަފްސީލްކޮށްދީފައިވާ ލިސްޓުގައި ހިމެނޭ ވޯޓިންގް ޑެލިގޭޓުންގެ ހާޒިރުގައި ބާއްވާ ކޮންގްރެސްއަކުންނެވެ. އަސާސީ ގަވާއިދާ ހިލާފަށް ވޯޓަރލިސްޓް ބަދަލުކުރި ކުރުމަކީ ވޯޓަރލިސްޓް އޮޅުވާލުންކަމަށް ބެލެވެއެވެ. އަދި މިމައްސަލައަކީ ސީރިއަސް ޕްރޮސީޖަރަލް މައްސަލައެއްކަމަށްވެސް ވާނީ ދަންނަވާފައެވެ.
އަސާސީ ގަވާއިދު އާއްމުކުރުން
އެގްޒެކެޓިވް ކޮމިޓީގެ ނިންމުންތައް ހާމަކުރުކުރުމުން މަރުހަބާ ދަންނަވަނީ "ޓްރާންސްޕޭރެންސީ" ގެ ސިފައަކަށްވާތީއެވެ. އެހެންނަމަވެސް އެ ނިންމުންތަކުގެ ތެރޭ، އަސާސީ ގަވާއިދާއި ވޯޓަރ ލިސްޓް ހާމަކުރުމުގެ ނިންމުމެއް ނެތުމަކީ، އަނެއްކާވެސް، ކުރިއެކޭ އެއްގޮތަށް އެފްއޭއެމް ސިއްރިއްޔާތުގައި ހިންގަން ފެށުން ކަމަށް ބުރަވާނެ ޖާގަ ލިބެއެވެ.
އަސާސީ ގަވާއިދަކީ ހަމައެކަނި ކްލަބްތަކުގެ މަސްލަހަތު އޮންނަ ޑޮކިއުމެންޓެއް ނޫނެވެ. އަސާސީ ގަވާއިދަކީ ކުޅުންތެރިންނާއި، އޮފިޝަލުން، އަދި އާއްމުންނާއި މީޑިއާގެ އިތުރުން މިއަދު ސްޕޮންސަރުން (ވިޔަފާރި) ގެ މަސްލަހަތުވެސް އޮތް ޑޮކިއުމެންޓެކެވެ. އަދި އައު އެގްޒެކެޓިވް ކޮމިޓީއާއި، އެންމެފަހުގެ ކޮންގްރެސްގެ ވޯޓަރ ލިސްޓަކީވެސް އިސްވެދެންނެވި ހުރިހާފަރާތަކުންވެސް ކޮންމެހެން ދެނެގަންނަން ބޭނުންވާނެ "ފުޓްބޯލް އޮފިޝަލުން" ނެވެ. އާއްމު ރައްޔިތުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ދަންނަންޖެހޭ ބީދައިން އެފްއޭއެމް ސްޓެޓިއުޓްއަކީ ކުޅުންތެރިންފެށިގެން ފުޓުބޯޅަ އާއިލާއިން ދެނެގަންނަންޖެހޭ ފުޓުބޯޅަ ގާނޫނެވެ.
އެކްސްކޯގެ ނިންމުން
އެކްސްކޯގެ 6 ނިންމުމެއް 28 ޖުލައިގައި ހާމަކޮށްފައިވެއެވެ. ފުރަތަމަ ނިންމުމަކީ "އައު" އަސާސީ ގަވާއިދުގެދަށުން އުވާލި "ރީޖަނަލް އެސޯސިއޭޝަން" ތަކަށް މިއަހަރު މުބާތާތް ފަށަން ނިންމުމެވެ. މިއީ ކިތަންމެހާވެސް އުއްމީދީ ނިންމުމެކެވެ. ބަޔާން ތިރީގައި އެވަނީއެވެ.
އެފްއޭއެމްގެ ބަޔާން
ފުޓުބޯޅައިގެ "ޑައިމަންޑް ޖުބިލީ" ގެ 75 އަހަރު ފާހަގަކުރުމާއި، ސްޓޭންޑިންގް ކޮމިޓީތަކަށް ހުޅުވާލުމުން ބެލެވެނީ ހަރުކޮށް، އެސޯސިއޭޝަން ހިންގަން މަސައްކަތް ކުރާކަމެވެ. އެހެންނަމަވެސް، އެސޯސިއޭޝަންގެ މާލެއަށް ބާރުތައް ޖަމާވެފައިވާ އެކްސްކޯ އިން 22 ވަނަ މާއްދާގައި އެބުނާ "ސްޓޭޓަސް" ނުވަތަ ހައިސިއްޔަތު، (1) ކްލަބަތަކާއި، (2) ލީގްތަކާއި، (3) ރީޖަނަލް އެސޯސިއޭޝަންތަކާއި، (4) އެހެނިހެން ކްލަބްތަކުގެ ގްރޫޕްތަކަށް ދޭން ތައްޔާރުތޯއެވެ؟
ރީޖަނަލް އެސޯސިއޭޝަން
ބަޔާނުގެ ފުރަތަމަ ނިންމުން ގޮތުގައި ނިންމީ، "ނެތް" ކަމަށް ނޯމަލައިޒޭޝަންކޮމިޓީން ބުނި ރީޖަނަލް އެސޯސިއޭޝަންތައް އަލުން ގާއިމްކުރުމަށެވެ. މި ނިންމުމަށް ބާރުދޭކަމަށް ބުނެފައިވަނީ، އިންތިގާލީ މަރުހަލާ ތަފްސީލްކޮށްދޭ 86 ގެ 9 ނަމްބަރެވެ. ވީމާ މިމާއްދާއަށް ތަފްސީލްކޮށް ބަލާލުން މުހިންމެވެ.
9 ވަނަ ނަމްބަރުގައި ބުނަނީ އެކްސްކޯ އިން ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރަންވާނެކަމަށެވެ. ރީޖަނަލް އެސޯސިއޭޝަން ގާއިމްކުރުމަކީ އިންތިގާލީ މަރުހަލާގައި ކުރަންޖެހޭނެކަމަށް ބުނާ ކަންކަމުގެތެރއިން އެންމެ ފަހު ކަމެކެވެ. އެހެން ހުރިހާކަމަކަށް މުއްދަތު ކަންޑައަޅާފައިވީނަމަވެސް، ރީޖަނަލް އެސޯސިއޭޝަންތައް ގާއިމްކުރަން މުއްދަތެއްވެސް ކަނަޑައަޅާފައި ނުވެއެވެ. މީގެ މައުނައަކީ މާލެއަށް މަރުކަޒުވެފައިވާ އެކްސްކޯއިން، ކުރީ ދައުރުގައިވެސް ކަންކުރިގޮތަށް، ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަން މެޖޯރިޓީއެއް ނުދީ ޓާމް ނިންމާލެވިދާނެ ކަމެވެ.
އެކްސްކޯގެ މިނިންމުން ތަމްފީޒުކުރެވޭނީ 22 ވަނަ މާއްދާގެ ދަށުންނެވެ. 22 ވަނަ މާއްދާގައި ރީޖަނަލް އެސޯސިއޭޝަންތައް އެޕްރޫވް ކޮށް ރަޖިސްޓްރީކުރުމުގެ ބާރު އޮންނަނީ އެކްސްކޯއަށެވެ. އެންމެ ޒޯނަކަށް "ނަހަމަ ގޮތުގައި" މަރުކަޒުކޮށްފައި އޮތް އެކްސްކޯއަކުން މިފަދަ އިސްލާހެސް "ސްޓައިފްލް" ކުރުން ނުވަތަ ނުކޮށް ދޫކޮށްލަން 86 ގެ 9 ން ޖާގަދެ އެވެ. މިއީ ނޯމަލައިޒޭޝަންކޮމިޓީގެ "ހީލަތްތެރި" ރޭވުން ކަމުގައި ނޫނީ ނުވާނެ އެވެ.
ރީޖަނަލް އެސޯސިއޭޝަނެއްވެސް އަދި ފުޓްސަލްކޮމިޓީވެސް އުފެއްދެންއަންނަނީ މި "އައު" އަސާސީ ގަވާއިދު އަނެއްކާ އިސްލާހްކޮށްގެނެވެ. ކުރީގައި އޮތް ފުޓްސަލް ކޮމިޓީ އުވާލުމުން، މި "އައު" އަސާސީ ގަވާއިދެގެދަށުން އުފެއްދެނީ "އެޑް ހޮކް" ކޮމިޓީއެކެވެ. އެފަދަ ކޮމިޓީ އަކީ މުއްދަތެއް ކަނޑައަޅާފައި އޮންނަންޖެހޭ ކޮމިޓީއަކަށްވާތީވެ، ދާއިމީ ފުޓްސަލްކޮމިޓީއެއް އުފެއްދެން އަންނަނީ އަސާސީ ގަވާއިދު ބަދަލުކޮށް ފުޓްސަލް ކޮމިޓީ އަލުން އަސާސީގަވާއިދުގައި ހިމެނުމަށްފަހުއެވެ.
ފީފާ ނޯމަލައިޒޭޝަން ކޮމިޓީން މިފަހަރު އެފްއޭއެމް ޖެއްސި ދަންދުރައިން އަރައިގަތުމުގެ ގާބިލްކަން "އައު" ރައީސްއަށް ދެއްވާށި އެވެ!
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލް ޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލް ޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލް ކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.