
ޝަހީމް އެމެރިކާއަށް ވަޑައިގަންނަވަން އުޅުނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން އދ. ގައި މިހާރު ކުރިއަށް ގެންދާ ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމަށެވެ.
އެމެރިކާއަށް ވަޑައިގެންނެވުމަށްޓަކައި ލަންކާގައި ހުންނަ އެމްބަސީއަށް ޝަހީމް އެޕްލިކޭޝަން ހުށަހެޅުމުން ބަލައި ނުގަނެ ރިޖެކްޓުކޮށްފައިވާކަން ވަނީ އެނގިފައެވެ. އެހެންނަމަވެސް އެޕްލިކޭޝަން ރިޖެކްޓު ކުރި ސަބަބެއް އެމްބަސީއިން ޝަހީމަށް ވެސް އަންގާފައެއް ނުވެއެވެ.
ޝަހީމް އެމެރިކާއަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވީ "ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގައި ރާއްޖެ ތަމްސީލުކުރައްވާ ވަޒީރެއްގެ ގޮތުގައެވެ. އަދި އެ ބައްދަލުވުމުގައި ޝަހީމް ވާހަކަވެސް ދައްކަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
ނިއު ޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމަށް ޝަހީމަށް ވަޑައިނުގެންނެވުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ.